ސަރުކާރުން ރައްޔިތުންގެ މާލިއްޔާ ހުސްކުރަނީ ރޯމާ ދުވާލު: ޝިޔާމް
ރައީސް އިބްރާހިމް މުހައްމަދުގެ ސަރުކާރުން ރައްޔިތުންގެ މާލިއްޔާ ހުސްކުރަނީ ރޯމާ ދުވާލު ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ދޭންޖެހޭ 92 މިލިއަން ވެސް ރައީސް ސޯލިހުގެ ހެޔޮފުޅުކަމުން ކޯޓުން ބޭރުން ނޫމަޑިއަށް ދެއްވާފައިވާ ކަމަށެވެ.
"ޓުލްމަންޓް ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަހެއް އަދި އަންނާނެ. ރައްޔިތުންގެ މާލިއްޔާ ހުސްކުރަނީ ރޯމާ ދުވާލު،" ޝިޔާމް ވިދާޅުވިއެވެ.
ނޫމަޑީގެ އެގްރިމަންޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލް ކުރި މައްސަލައިގައި އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދީފައެވެ.