ޚަބަރު

ކޮރާނާވައިރަސްއާ ގުޅިގެން ހަތް ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން، ހަތް ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަހުގެ ހާލަތު އެ އެޖެންސީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެގޮތުން ޗައިނާގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައިނުވާ ފަރާތްތަކުގެ ކިބައިން ވެސް މި ބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހަތް ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ؛

• ޖަޕާން
• ސިންގަޕޫރު
• ހޮންގްކޮންގް
• ސައުތު ކޮރެއާ
• ތައިލެންޑް
• އީރާން، އަދި
• އިޓަލީ އެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން އެ ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރާާއި ސަރަހައްދުތައް ދެނެގަތުމަށާއި، ރޯގާޖެހި ހުން އައިސްފައި ތިބޭ މީހުންގެ ކައިރީގައި ނޫޅުމަށާއި، ދަތުރުކުރުމަށްފަހު ރޯގާ ޖެހި، ކެއްސާ އަދި ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށާއި އަދި އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މިދުވަސްވަރު ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ހަތް ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާ އިރު، އިޓަލީގައި މި ބަލި ޖެހިގެން މިހާތަނަށް ދެ މީހަކު ވަނީ މަރުވެފައެވެ. އަދި އެގައުމުގެ ދިހަ އަވަށެއް ބަންދުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!