އިތުރު އޯޑިއޯއެއް ލީކުވެއްޖެ، މިފަހަރު ނަހުލާގެ ނުރުހުމުގެ ބަސްތަކެއް އަލީ ވަހީދަށް!
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާގެ ނުރުހުގެ ބަސްތަކެއް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރައްދު ކުރާ އަޑު އިވޭ އޯޑިއޯއެއް ލީކް ކޮށްލައިފިއެވެ.
"ލީކްސް އެމްވީ"ގެ ނަމުގައި ބަޔަކު ޓްވީޓާގައި ލީކް ކުރަމުންދާ އޯޑިއޯތަކުގެ ތެރެއިން މިފަހަރު ލީކް ކޮށްލާފައިވަނީ އޭގެ ދެވަނަ ސީޒަންގެ އެއް ވަނަ އޯޑިއޯއެވެ.
މި އޯޑިއޯގައި މީގެކުރިން ލީކްވި އޯޑިއޯއެއްގައި ނަހުލާއާ ގުޅުވައިގެން އަލީ ވަހީދު އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު(އަޑުބަރޭ) ދެއްކެވި ވާހަކަތަކާއި ގުޅުވައިގެން ނަހުލާ އަލީ ވަހީދު ގާތުގައި ދެމެދެ ވަނީ ވާހަކަ ދެކެވިފައެވެ.
އެގޮތުން އަލީ ވަހީދު ކަންތައް ކުރައްވަމުން ގެންދެވީ ވަރަށް ހުތުރުކޮށް ކަމަށާއި އަލީ ވަހީދު ގުޅައިގެން ހުންނަވަނިކޮށް ފޯނު ސްޕީކަރަށް ލީ ކީއްވެގެންތޯ ނަހުލާ ވަނީ ސުވާލު ކުރައްވާފައެވެ. އެ ފޯނު ސްޕީކަރަށް ލާފައި ހުރިިއިރު އަޑުބަރޭ އެތަނުގައި އިންނެވި ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ނަހުލާ އަލީ ވަހީދަށް ކުރެއްވި އިތުބާރު ގެއްލިގެން ހިނގައްޖެ ކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ.
“އަޅުގަނޑަށް ވަރަށް އިތުބާރު ކުރިން މިނިސްޓަރަށް އެކަމަކު މިހާރު ކަންތައް ކުރި ގޮތުން އިތުބާރު ކުރާނީ ކިހިނެއްތޯ،” ނަހުލާ ވިދާޅުވާ އަޑުއިވެއެވެ.
މިނިސްޓަރު ނަހުލާ ދެއްކެވި އެ ވާހަކަތައް އަލީ ވަހީދު ވަނީ ދޮގު ކުރައްވާފައެވެ. ވިދާޅުވީ އެއީ ފޭކް އޯޑިއޯތަކެއް ކަމަށާއި އެއީ ހަދައިގެން އުޅޭ އޯޑިއޯތަކެއް ކަމަށެވެ.
މީގެ ކުރިން ލީކްކޮށްލި އޯޑިއޯތަކުގައި އަލީ ވަހީދު ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް އަމާޒުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. އޭގެތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.
މި އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ދެ ފަހަރެއްގެ މަތިން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވަނީ އޭނާގެ މައްޗަށް ވެސް ތަހުގީގު ހިންގަވައިފި ނަމަ އެކަމުގެ ހަގީގަތް ފެންނާނެ ކަމަށެވެ.