އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތައް ކުޅުމަށް ދިވެހި ޤައުމީ ޓީމު އުޒްބެކިސްތާނަށް ފުރައިފިއެވެ.
އޭޝިއަން ކަޕްގެ ކޮލިފަިއން މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ތައިލެންޑާއި ސްރީ ލަންކާއާ އެކު ގްރޫޕް ސީ ގައެވެ. ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް އެއް މެޗު ކުޅުމަށް ފަހު ގްރޫޕުގެ އެއްވަނަ ހޯދާ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބޭނެއެވެ. މީގެ އިތުރުން ކޮލިފައިންގައި ކުޅޭ ހަ ގްރޫޕުން ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމަށް ވެސް ފުރުސަތު ލިބޭނެއެވެ.
އޭޝިއަން ކަޕްގެ ކޮލިފައިންއަށް ރާއްޖެއިން ގޮސްފައި ވަނީ އެކުވެރިކަމުގެ އެއްވެސް މެޗެއް ނުކުޅެއެވެ. އެންމެ ފަހުން ޤައުމީ ޓީމު ކުޅުނު މެޗަކީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ބަނގްލަދޭޝްއާއި ދެކޮޅަށް މާލޭގައި ކުޅުނު މެޗެވެ.
މިދިޔަ އަހަރުގެ ހިތްދަތި ނަތީޖާތަކަށް ފަހު ޤައުމީ ކޯޗުގެ މަޤާމު ހަވާލުކުރި އިޓަލީގެ މޮރިއޭރޯއާ ހަވާލުވެފައިވާ އެންމެ ބޮޑު ޒިންމާއަކީ ވެސް އޭޝިއަން ކަޕަށް ދިވެހިރާއްޖެ ކޮލިފައިކޮށްދިނުމެވެ.