ފަނޑިޔާރު ހަމީދު ވަކިކުރަން ނިންމައިފި
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވި އިރު ފަނޑިޔާރު މަގާމުން ވަކިކުރަން ނުފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވިއެވެ.
ފަނޑިޔާރު ހަމީދާއި ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމްއާ ގުޅޭ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމައިފައި ވަނީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން އެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.
އެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ފަނޑިޔާރުންނަށް ޖޭއެސްސީގެ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާތީ، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށާއި އެކަންކަން ފުރިހަމަ ކުރުމަށްޓަކައި އަލުން ޖޭއެސްސީއަށް އެ މައްސަލަ ފޮނުވުމަށެވެ.
ފަނޑިޔާރު އަބުދުއްރައޫފް އިބްރާހިމް ވަނީ މައްސަލަ މަޖިލީހަށް ފޮނުވުމާ އެކު އިސްތިއުފާ ދެއްވައިފައެވެ.
މައްސަލަ އަނބުރާ ފޮނުވައިލާން ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމާ މެދު މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 48 މެމްބަރަކު ވޯޓު ދެއްވީ ކޮމިޓީ ރިޕޯޓް ފާސް ނުކުރުމަށެވެ. އަދި އެ މައްސަލަ އަނބުރާ ފޮނުވައިލާން 18 މެމްބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.
ރިޕޯޓު ފާސް ނުވުމުން ރިޔާސަތުން ވޯޓަށް އެހީ ފަނޑިޔާރު ހަމީދު ވަކި ކުރުމާ ގުޅޭ ގޮތުން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށެވެ.
އަލްއުސްތާޛު އަބްދުﷲ ހަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވީ 2007ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09ވަނަ ދުވަހުއެވެ.