ގާޒީއާ ބައްދަލެއް ނުކުރޭ، ދޮގު ޚަބަރު ފެތުރި މައްސަލަ ބަލަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލްއާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިން އަދި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ވާހަކަ ޖޭއެސްސީއިން ދޮގުކޮށްފިއެވެ.
އެ ވާހަކަތައް ދޮގުކޮށް ޖޭއެސްސީގެ ރަސްމީ ޓްވިޓާ އެކައުންޓުން މިރޭ ވަނީ ދެ ޓްވީޓެއް ކޮށްފައެވެ.
އެ ކޮމިޝަނުން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވާ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިންއާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ކޮށްފައިވާ ޓްވީޓް ދޮގުކުރާ ކަމަށެވެ. އަދި ކޮމިޝަނުގެ އަގު ވައްޓައިލާން އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ އެކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ޓުވީޓުގައިވެއެވެ.
"ސަންގު ޓީވީ"ރޭ ކުރި ޓުވީޓެއްގައި ވަނީ ޝަކީލު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީއަށް ގޮސް ހިސާންއާއި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ރިފްއަތާ ބައްދަލު ކުރައްވައިފައިވާ ކަމަށެވެ.
ސަންގު ޓީވީން ވަނީ އެ ވާހަކަތައް އޭޖީ ރިފްއަތު އަދި ހިސާން ދޮގު ކުރައްވައިފި ނަމަ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ޖޭއެސްސީއަށް ހާޒިރު ކުރުމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް ބުނެފައެވެ.