ޚަބަރު

ކުރީގެ ބޯޑުން ދިން ޔަގީންކަން ދަމަހައްޓަން އާ ބޯޑުން އެއްބަސްވި: ޓީއެމްއޭ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުން ނިންމާފައިވާ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ކަމަށް މިހާރުގެ އެމްއޭސީއެލްގެ ބޯޑުން ބުނެފައިވާ ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ބުނެފިއެވެ.

Ads by Sosun Fihaara

ޓީއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓާމިނަލް އިން ޖާގަ ދޫކުރާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އޮތޮރައިޒްޑް މަންދޫބަކާއި، ޓީއެމްއޭގެ އޮފިޝަލުންނާއި ދެމެދުކަން އަދި ހަމައާއި އުސޫލުގެ ތެރެއިން "ގުޑް ފެއިތް" ގައި ކަމަށެވެ.

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދިނުމާއި ގުޅޭ ޝަރުތުތައް ބަޔާންކޮށް އެމްއޭސީއެލްއިން ފޮނުވާ ސިޓީތަކުގައި ސޮއިކޮށްފައިވަނީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޮމާޝަން ހުސައިން ފަޒީލްކަން ފާހަގަކޮށް ޓީއެމްއޭއިން ބުނީ އެ ސިޓީތަކުގައި ބުނެފައިވާ ވާހަކަތަކަކީ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ބޯޑުން ވެސް އެޕްރޫވް ކުރެވިގެން ފޮނުވާ ސިޓީތަކެއް ކަމަށް އެކި ފަހަރުތައް މަތިން އެމްއޭސީއެލްއިން ބުނެފައިވާ ކަމަށެވެ.

"ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީއެލް ގެ އޭރުގެ އެމްޑީ އާދިލް މޫސާ، އެޕްރޫވް ކޮއްގެން ފޮނުވި ސިޓީތަކެއްކަން ފަޒީލް ވަނީ މަޖިލީހުގައިވެސް ބަޔާންކޮށްފައިކަން މިފުރުސަތުގައި ފާހަގަކޮއްލަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލެވުނު އެމްއޭސީއެލް ގެ އާބޯޑަށް، ރައީސް ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރަން ފުރުސަތު ލިބިމެ، އާ ބޯޑުންވެސް، އެތައް ފަހަރެއްގެ މަތިން، ޔަގީންކަން ދެމުންއައީ ކުރިން ވެވިފައިވާ ކޮމިޓްމަންޓްތައް ރަނގަޅުކަމަށާއި އަދި އެކޮމިޓްމަންޓްތައް ފުއްދާދޭނެ ކަމަށެވެ،" ޓީއެމްއޭއިން ބުންޏެވެ.

"ގުޑް ފެއިތު"ގައި އެމްއޭސީއެލްއާ އެކުގައި ވެވުނު ބައްދަލުވުންތަކާއި އެއްބަސްވުމަކީ ޓީއެމްއޭ ގެ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނެ ޖާގައެއް ލިއްބައިދޭނެ އެއްބަސްވުމެއް ކަމަށްވެސް ޓީއެމްއޭއިން ބުންޏެވެ. ޓީއެމްއޭއިން ބުނީ މިވަގުތުވެސް އެކުންފުނިން ދަނީ 80 ރިސޯޓަށް ރަނގަޅު ފެންވަރުގައި ހިދުމަތް ދެމުން ކަމަށެވެ.

ސަރުކާރާ މަޝްވަރާކޮށްގެން، ޓީއެމްއޭ އިން މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ދެމުން ގެންދާ ފުރިހަމަ ހިދުމަތް ކުރިއަށް ގެންދެވޭނެ ފަދަ ހައްލެއް ހޯދުމަށްކަން ފާހަގަކޮށް އެކުންފުނިން ބުނީ 1993 ގައި އެކުންފުނި އުފެދުނީއްސުރެ ޔަގީންކޮށްދީފައި ވަނީ އެ ކުންފުންޏަކީ އިތުބާރު ހިފޭ ހިދުމަތެއް ދެމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!