ޚަބަރު

ޤައުމީ ތަރައްޤީގައި ސަރުކާރު ކުންފުނިތަކުގެ ދައުރު ބޮޑު: ފައިސަލް ނަސީމް

ޢާއިޝަތު އަރީނާ

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއްކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެ ކުންފުނީގައި އޮވެގެން ކަމަށެވެ. ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ސްޓެލްކޯއިން ފެނިގެންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާކަމަށެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއަކީ އިޖުތިމާޢީ ގިނަކަންކަން ވެސް ކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި ސްޓެލްކޯގެ އޭރާއި މިހާރުގެ އިސްވެރިން ހިމެނޭގޮތުން ސްޓެލްކޯގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.

ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ވެސް ރައީސުލްޖުމުހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް އަވިކަތަ އިފްތިތާޙުކޮށްދެއްވައިފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ 25 އަހަރުގެ ތާރީޚުގައި އެކުންފުންޏަށް ޚިދުމަތްކޮށްދެއްވާފައިވާ މެނޭޖިންގ ޑިރެކްޓަރުންނަށް ދޭ އެވޯޑާއި، ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓްހެޑް/ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

1949ވަނަ އަހަރު މާލޭގައި ކަރަންޓްގެ ޚިދުމަތްދޭން ފެށުނުއިރު، މާލޭގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި، ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އުފައްދަވައިފައި ވަނީ 1997ވަނަ އަހަރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!