ޚަބަރު ވިޔަފާރި

ސްޓެލްކޯ ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރު: ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2ގައި ސްޓެލްކޯއިން އިމާރާތްކޮށްފައި ހުރި ޓަވަރުތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސްޓެލްކޯގެ 25ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ކުލިދެއްކުމުގައި މުވައްޒަފުންނަށް ލުއިފަސޭހަކުރުމަށް ޓަކައި ކުލި ދައްކަން ފަށަންޖެހޭ މުއްދަތު ލަސްކޮށްފައިވާކަމަށެވެ. އެގޮތުން އަންނަ މަހު ފްލެޓްތައް ހަވާލުކުރި ނަމަވެސް ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްއެޅުމަށް ގިނަ ކުންފުނިތަކަކުން ބައިވެރިވި ނަމަވެސް މީގެ މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދަނީ 4 ކުންފުންޏަކުންނެވެ. އެއީ ސްޓެލްކޯއާއި، އެމްޑަބްލިއުއެސްސީއާއި އެމްޕީއެލްއާއި އެމްއޭސީއެލްއިންނެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 2 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ޖުމްލަ 360 ފްލެޓެވެ. މީގެތެރޭގައި 2 ބާވަތެއްގެ އެޕާޓްމަންޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރި، ޕްލަސް މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.

މި ފްލެޓްތައް ހަވާލުކުރަނީ އެތެރޭގެ ހުރިހާ މަސައްކަތްތައް ނިންމުމަށް ފަހުއެވެ.

ސްޓެލްކޯއިން އަމާޒު ހިފާފައިވާގޮތަށް ޖުލައިމަހުގެ ތެރޭގައި ފްލެޓްގައި މީހުންނަށް ދިރިއުޅެން ފެށިއްޖެ ނަމަ، ސްޓެލްކޯގެ ފްލެޓް ވާނީ ކުންފުނިތަކުގެ ފްލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް މީހުން ދިރިއުޅެން ފަށާ ފްލެޓަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!