އީދު ހަރަކާތުގައި މިނިސްޓަރު ނަހުލާއަށް ފުރައްސާރަ ކުރުމުން ޖޭޕީ އިން އެކަން ކުށްވެރިކޮށްފި
ރާއްޖޭގެ ރަށެއްގައި އީދު ފާހަގަކުރުމަށް ހިންގި ހަރަކާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާއަށް ފުރައްސާރަ ކޮށްފައިވާތީ ޖޭޕީ އިން އެކަން ކުށްވެރި ކޮށްފިއެވެ.
އެގޮތުން އެ ޕާޓީއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެޕާޓީގެ ލީޑަރާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރު ކުޅުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރި ކަމެއްކަމުގައި ދެކޭ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައިވެސް އެ ޕާޓީ އިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ރަށެއްގައި އީދު ކުޅިވަރު ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ މީސްމީޑިއާގައި އާންމުވެފައެެވެ. އަންހެނަކާ ފިރިހެނަކާ އަތު ގުޅައިގެން ހިނގާ މި ކުޅިވަރުގައި އެކަކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފޮޓޯއެއް މޫނުމައްޗެއްގެ ގޮތުގައި ބޭނުން ކޮށްފައިވާއިރު އަނެއް މީހާ މޫނު މައްޗެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ މިިނިސްޓަރު ނަހުލާގެ ފޮޓޯ އެކެވެ.
އަދި މީގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މޫނުމައްޗެއް އަޅައިގެން ވެސް މީހަކު ހިނގާފައި އަންނަ މަންޒަރު މި ވީޑިއޯ އިން ދައްކުވައިދެއެވެ. އޭނަ ހުންނަނީ ކަރައެއް ހިފައިގެންކަން ވެސް ފާހަގަ ކުރެވެއެެވެ.
އީދުފަދަ މުނާސަބަތު ތަކުގައި ސިޔާސީ ކަންކަމަށް ޖޯކު ޖެހުމަކީ ވަރަށް ގިނައިން ފެންނަ ކަމެކެވެ. ނަމަވެސް މީހެއްގެ އަގު ވެއްޓޭ ގޮތަށް ނުވަތަ މީހުންނަށް މަލާމާތް ރައްދުވާ ގޮތަށް ހިންގާ މި ދަށު ދަރަޖައިގެ ހަރަކާތްތަކާއި ކުޅިވަރު ކުޅުނު ކަމުގައި ވިޔަސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އީދު ފާހަގަ ކުރުމަށް ވެސް އިންތަކެއް ދީނުގައި ކަނޑައަޅުއްވާފައިވާއިރު މީހުންގެ އަގު ވެއްޓޭފަދަ ގޮތަގޮތަށް އީދު ފާހަގަ ކުރުމަކީ ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލެކެވެ.