ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލާގައި މީހަކަށް ދައުވާކޮށްފި

މިދިއަ މެއި މަހުގެ ތެރޭގައި ތ. ގުރައިދޫގައި ޝާހު އަލަމް ނަމަކަށް ކިޔާ ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި މީހަކަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އެގޮތުން މި މައްސަލާގައި ޕީޖީ އޮފީހުން ދައުވާކޮށްފައިވަނީ ބަބުލް މިއަހް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ މީހަކަށެވެ. އޭނާ އަކީ މި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި މީހާއެވެ.
އޭނާގެ މައްޗަށް ކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ބަބުލް މިއަހްއަށް މަރުގެ އަދަބު އަންނާނެ އެވެ.
އެ މީހާ މަރާލާފައިވަނީ ދެ މީހުންގެ ދެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.
ޝާހު އަލަމް އަކީ އެރަށުގައި ދަނޑުވެރިކަން ކުރާ ސައިޓެއްގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށްވާއިރު، ވަޅި ހެރުމަށްފަހު އޭނާ އެއްލާލާފައި އޮއްވާ ފެނުނީ ސައިޓުގެ ކުރިމަތީގައި އޮންނަ ސަރަހައްދުންނެވެ.