ވިޔަފާރި

މާފުށީގެ ކުނި މެނޭޖުކުރުން ސްޓެލްކޯއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ހަވާލުވެ، ރާއްޖޭގައި ޔުޓިލިޓީސްގެ ހުރިހައި ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏާއި މާފުށީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

ޓޫރިޒަމް ފުޅާވެފައި އޮތް މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތްކުރަން ސްޓެލްކޯއިން ވަނީ އެއްބަސްވެފައެވެ. އެ ހިދުމަތާ އެކު، މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ގޭބީސީތަކުގެ ކުނި މެނޭޖްކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރައި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސޮއި ކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއް ފުރާޅެއްގެ ދަށުން ޔުޓިލިޓީސްގެ ހުރިހައި ހިދުމަތެއް ދިނުމުގެ ފަޚުރު ސްޓެލްކޯއަށް ލިބުމަކީ ތާރީހީކަމެއް ކަމަށެވެ.

"މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު، ސްޓެލްކޯގެ މި ހިދުމަތާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދޭނަން،" ޝަރީފް ވިދާޅުވިއެވެ.

މާފުށިން ދުވާލެއްގެ މައްޗަށް ފަސް ޓަނުގެ ކުނި އުކައިލައެވެ. އެ ތަކެތި އުކާލުމުގައި ބައެއް ފަހަރު މޫދަށް ވެސް އެޅެއެވެ. ނަމަވެސް، ސްޓެލްކޯގެ މި ހިދުމަތާ އެކު އެ ހުރިހައި ކަމަކަށް ހައްލު ލިބި ރަނގަޅު ގޮތުގައި ކުނި މެނޭޖެކުރެވޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!