ކޮއްކޮއަށް ހައްގު އަދަބު ނުދޭން ވަކާލާތެއް ނުކުރަން: ނަޝީދު

ކޮއްކޮއަށް ވިޔަސް، ލިބެން ޖެހޭ ހައްގު އަދަބު ނުދޭން އެއްވެސް ހާލެއްގައި ވަކާލާތު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނާޒިމް ކަމަށް ބެލެވޭ މީހަކު، ބިދޭސީއަކާ އެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
ރޭ އޮތް "އާސްކް ސްޕީކާ" ޕްރޮގްރާމްގައި މިކަމާ ގުޅޭ ގޮތުން އާއްމުންގެ މީހަކު ސުވާލު ކުރުމުން، ނަޝީދު ވިދާޅުވީ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ދިފާއު ނުކުރައްވާ ކަމަށެވެ. އަދި އޭނާއަށް ލިބެން ޖެހޭ އަދަބެއް ނުވަތަ އެހެން ކަމަކަށް ހުރަސް އަޅުއްވަން ވެސް ނޫޅުއްވާ ކަމަށް ވިދާޅުވިއެވެ.
"އެއްގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭކަށް އަޅުގަނޑު ދުވަހަކު ވެސް ނުދަންނަވާނަން. އަދި އެއްވެސް މީހަކަށް ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަން،" ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކައަކީ ކަމެއް ހަމަ ހިނގާ އިރަށް އަޅުގަނޑުމެން އޭގެ ދެކޮޅެއް ނުބަލާ، ވާއެއް ނުވާއެއް ނޭންގި އަމަލު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތުގައި ވެސް ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫން. ދެން ގާނޫނުގައިވާ ގޮތުގެ މަތީން ކަންކަން ކުރަމުން އަޅުގަނޑުމެން ގެންދިޔައީމަ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ،"
އެ މައްސަލައިގައި ނާޒިމް ސައްތާރު ފުލުހަށް ވެސް ހާޒިރު ކޮށްފައިވެއެވެ. ނާޒިމްގެ އިތުރުން ވެސް އިތުރު ބައެެއްގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލްމީޑިއާގައި އާންމުވިއެވެ.