240 ބްލެޓް ޑްރަގް އެތެރެކުރި މީހުންގެ ބަންދަށް ހަތް ދުވަސް
މަސްތުވާތަކެތި ދިރުވައިލައިގެން ރާއްޖެއަށް އެތެރެކުރި ދެ ބިދޭސީންގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް އިތުރުކޮށްފިއެވެ.
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރީ އަޔަރލޭންޑްގެ ދެ ފިރިހެނުންނެވެ. އެއީ ކެލްވިން މައިކަލް މެރޫ (41އ) އާއި އަލަން ވަލްޓަރ ކްރޮވް (41އ)އެވެ.
އެއިން ކޮންމެ މީހެއްގެ ބަނޑުގައި 120 ބުލެޓުގެ މަސްތުވާތަކެތި ހުރިއިރު, އެ ތަކެތި ބޭރުކުރެވެންދެން ކްރިމިނަލް ކޯޓުން މިދިޔަމަހުގެ 30 ވަނަ ދުވަހުގައި އެ މީހުންގެ ޣައިރު ހާޒިރުގައި ބަންދަށް ދިނީ ފަސް ދުވަހެވެ. ބަންދަށް ފަސް ދުވަސް ދިނީ އެ ތަކެތި ބޭރުކޮށް ނިމި ހޮސްޕިޓަލުން ދޫކޮށްލުމުން އެ މީހުން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކުރުމަށް ފަހުއެވެ.
އެ ގޮތުން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ ހަތް ދުވަހެވެ.
އެ ދެ މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އިސް ގާޒީ އަހްމަދު ޝަކީލް ނެރުއްވި ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ވަނީ ހެކި ލިބިފައެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ އެ ދެ މީހުންގެ ދިފާއީ ވަކީލާ ބައްދަލުވެ ލިޔެކިޔުންތައް ލިބުމުން ހަތް ދުވަހުގެތެރޭ އެ މީހުން ކޯޓަށް ހާޒިރުކުރަންވާނެ ކަމަށެވެ.