ޚަބަރު

ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރަނީ 877 ގޮނޑިއަށް

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

Ads by STELCO

"ރަށްވެހި ފަތިސް" ކެމްޕޭނުގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރަައިމަރީއަށް ފަހުގައި 880 އަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެ ޕާޓީން ޓިކެޓު ދީފައިވީ ނަމަވެސް އީސީއަށް ފޯމު ހުށަހެޅީ ވެސް އޭގެ ތެރެއިން 877 ކެންޑިޑޭޓުން ކަމަށެވެ. އެ ކެންޑިޑޭޓުންގެ ފޯމުތައް ވަނީ އީސީން ބަލައިގެންފަ އެވެ.

އެހެންކަމުން ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާނީ 877 ގޮނޑިއަށް ކަމަށާއި ކައުންސިލްގެ ބައެއް ގޮނޑިތަކަށް އެމްޑީޕީން ވާދަނުކުރާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބުކުރާއިރު، އެމްޑީޕީން 106 ގޮނޑިއަކަށް ވާދައެއް ނުކުރެ އެވެ.

"އެހެންކަމުން މިހާރު އެމްޑީޕީގެ ފަރާތުންއިންތިހާބުގައި ވާދަކުރައްވާނީ 877 ކެންޑިޑޭޓުން. ބައެއް ގޮނޑިތައް ހުންނާނެ އެމްޑީޕީން ވާދަނުކުރާ،" އަފްޝަން ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން 675 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައާއި އަދާލަތު ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައެއް މީހުން ވަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލާން އީސީއަށް ފޯމު ހުށަހަޅާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!