ޚަބަރު

އެމްޑީޕީން ރައްޔިތުންނަށް ދައްކުވައިދީފައި ވަނީ ހުސް ފިތުނަވެރި ހުތުރު ކަންތައް: ޖަމީލް

އެމްޑީޕީގެ ލީޑާޝިޕުން ރައްޔިތުންނަށް މުޅިންވެސް ދައްކުވައިދީފައި ވަނީ ފިތުނަވެރި ހުތުރު ކަންކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައި މިވަނީ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ފެށުމުގެ ގޮތުން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި، ޕީޕީއެމް ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ.މުޢިއްޒާ މެދުގައި ވަރަށް ޒާތީކޮށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އަމާޒުކުރައްވައެވެ.

ނަޝީދު ވިދާޅުވީ މުޢިއްޒަކީ ވަށަފަރުން ވަޑައިގެންނެވި ބޭފުޅެއްކަމަށާއި ވަށަފަރުން ވަޑައިގަންނަވާ ފަރާތަކަށް މާލޭ މީހުން ވޯޓުނުދޭނެ ކަމަށެވެ. އަދި މުޅި މާލެ ހަލާކު ކުރުމުގެ މޭސްތިރިއަކީ "ހޮޅި މުޢިއްޒު"އޭ ވެސް ނަޝީދު ވިދާޅުވިއެވެ.

އެކަންކަމަށް އިޝާރާތްކުރައްވައި ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރަނގަޅު ހެޔޮ ނަމޫނާ ދައްކަވަންވީ ބޭފުޅުން ހުތުރުކޮށް އުޅުއްވުމުން އެކަމުގެ ނުރަނގަޅު އަސަރު އަންނަން އޮތް ޖީލުތަކަށް ކުރާނެ ކަމަށެވެ.

"މިހާތަނަށް އެމްޑީޕީގެ ލީޑާޝީފުން އުފާވެރި ކަމެއް ރައްޔިތުންނަށް ގެނެސް ނުދެވޭ. މުޅިން ވެސް ފިތުނަވެރި ހުތުރު ކަންތައް." ޖަމީލް ވިދާޅުވިއެވެ.

ޖަލީމް ވަނީ މީގެ ކުރިން ވެސް މި މައްސަލާގައި އެމްޑީޕީއަށާއި ނަޝީދަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ޖަލްސާގައި މުއިއްޒުގެ ވާހަކަ ދެއްކުމުން ދޭހަވި ކަމަކީ އެމްޑީޕީން ވެސް އޭނާގެ މަސައްކަތް ބަލައިގެންފިކަން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!