ޚަބަރު

ޔުޓިލިޓީ ބިލް މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޒުވާބެއް

ދެން އެމްވީ ، ދެން އޮންލައިން

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް އޮތީ ލާމަރުކަޒީ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ މަޖިލީހުގައި ތިއްބަވާ ބައެއް އެމްޑީޕީގެ މެންބަރުންގެ ނުރުހުން އަމާޒު ކުރެއްވިއިރު، ބިލުގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަށް ބަހުސް ކުރުމުގެ ފުރުސަތު މެމްބަރުންނަށް ހުޅުވާލުމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް (ބޮންޑެ)އަށް ލިބިލެއްވިވި ފުރުސަތުގައި އޭނާ އެންމެ ފުރަތަމަ ފާޑު ވިދާޅުވީ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމަށެވެ.

އަދި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުއްލް ޣަފޫރު ނިޒާމީ މައްސަލަ ނެންގެވުމާ ގުޅިގެން ބޮންޑޭ ވަނީ ޣަފޫރަށް ވެސް ފާޑު ވިދާޅުވެފައެވެ.

"މި ބިލަކީ ރެގިއުލޭޓްރީ ބޮޑީއެއް. މިއީކީ ތަންފީޒީ ވުޒާރާއެއް ނޫން. އަޅުގަނޑު މެމްބަރަށް މި ބިލް ރަނގަޅަށް ކިޔުއްވާފައިތޯ ވާހަކަ ދައްކަނީ ސާފުކޮށްލަން ބޭނުންވާތީ،" ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެކަން ސައި ގަޑީގައި ސާފުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެކަމަކު، ޣަފޫރުގެ ވާހަކަތަކަށް ރައްދު ދެއްވައި ބޮންޑޭ ވިދާޅުވީ މިނިސްޓަރުންގެ ފައި ބުޑަށް ވެއްޓި، ނާޖައިޒު ފައިދާ ނަގަން އުޅޭ މެމްބަރުންނަށް ހަޖަމެއް ނުވާނެ ކަމަށާއި އެއްވެސް ވަޒީރެއްގެ ފައިބުޑަށް އޭނާ ވެއްޓި ވަޑައިނުގަންނަވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"މުޅިން އުޅެނީ ރައީސުލްޖުމްހޫރިއްޔާ ވެގެން، ވަޒީރަކު ވެގެން ވައި އަޅުވަން. އެއީ އަޅުގަނޑުގެ ތަބީއަތުގެ ހުންނަ ކަމެއް ނޫން،" ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޮންޑޭ ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ އެހެން މެންބަރުންނާ ހިލާފަށް އޭނާ އެ ބިލަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މެންބަރުން ވާހަކަ ދައްކަވާއިރު ކަންކަން އޮތް ގޮތް ސާފުކޮށް ޒިންމާދާރު ކަމާއެކު ވާހަކަ ދެއްކެވުން މުހިއްމު ކަމަށެވެ. ހިދުމަތެއް ދޭނަމަ އެ ރެގިއުލޭޓް ކުރެވޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!