ޚަބަރު

ކޯލިޝަން ރޫޅާލާ، މިނިސްޓްރީތަކުގެ ބާރު އެމްޑީޕީ އަށް އަންނަން ޖެހޭ: ޝަހީމް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން ހިންގަމުން އަންނަ ކޯލިޝަން މިއަދުން މިއަދަށް ރޫޅާލާ، މިނިސްޓްރީތަކުގެ ބާރު އެމްޑީޕީއަށް އަންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީލު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުއްހަކީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މިއަދު ކުރިއަށްދިޔަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުން، މެމްބަރު ޝަހީމް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ކަނޑިތީމު ދާއިރާގެ މެމްބަރު ވިދާޅުވީ މަސްވެރިންނާ ގުޅުންހުރި ޤާނޫނެއް މަޖިލިހުން ފާސްކޮށްފައިވާއިރު، ފިޝަރީޒް މިނިސްޓްރީން އެބިލުގައި އެކަން ކުރާނެ އުސޫލުތަކަކާއި ހަމަތައް ލިޔުން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް މިއަދު މަސްވެރިންގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައިވާކަމަށާއި ފިޝަރީޒް މިނިސްޓަރ އެކަންކަން ނުބައްލަވާ ކަމަށް ވެސް ވިދާޅުވެ ޝަހީމް ވަނީ ފާޑު ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްވާން އެބަޖެހޭ. ހިމާޔަތް ނުކުރެވޭ ކަމަށްވަންޏާ މިތަނަށް އައިސް އެވާހަކަ އެބަ ދައްކަންޖެހޭ. މިއަދު ހަގީގަތަކީ ފިޝަރީޒް މިނިސްޓްރީ ފެއިލްވެއްޖެ. ފެއިލްވެއްޖެ. އަޅުގަނޑު ގޮވާލަން މިނިސްޓަރ އިސްތިއުފާ ދެއްވާ އެމިނިސްޓްރީ ހިންގޭ ވަރުގެ މީހުން އެތަނަށް ލައިގެން ދިވެހި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދެއްވުމަށް." ކަނޑިތީމު ދާއިރާގެ މެމްބަރު ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން މެމްބަރު ޝަހީމް ވިދާޅުވީ ކޯލިޝަން ސަރުކާރެއް އުފައްދައިގެން ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ކޮށްނުދެވޭ ކަމަށާއި ކޯލިޝަން ހަދައިގެން އެޕާޓީތަކުގެ މެމްބަރުން ތަންތަނުގެ ބޯޑުތަކަށް އައްޔަނުކުރި ނަމަވެސް ނަތީޖާއިން ދައްކަނީ ފެއިލްވަމުން އަންނަ މަންޒަރު ކަމަށެވެ.

"މިއަދުން މިއަދަށް ކޯލިޝަން އެބަ އުވާލަންޖެހޭ. ކޯލިޝަން އުވާލާފައި އެމްޑީޕީން ހެޔޮވެރިކަމެއް މިގައުމުގައި ކުރުމަށްޓަކައި މިނިސްޓްރީ ތަކުގެ ބާރު އެމްޑީޕީއަށް އެބަ އަންނަންޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މިސަރުކާރަކީ ރާއްޖޭގެ ސިޔާސީ ހަތަރު ލީޑަރުން ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ އިންރާން އަބްދުﷲ ހިމެނޭ ގޮތަށް ކޯލިޝަނެއް އުފެދި އެއްބަސްވެ، އެފަދައިން ރައްޔިތުން ވޯޓު ދީގެން 2018 ވަނަ އަހަރު ގެނައި ސަރުކާރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!