ޔާމީނަށް ޑޮކްޓަރުން ދެއްވި ލަފާ އާއިލާއާ ހިއްސާކޮށްފި
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮކްޓަރުން ދެއްވި ލަފާ އެމަނިކުފާނުގެ އާއިލާއާ ހިއްސާކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީ ޖަލަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި ޔާމީންއާ ބައްދަލުކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށެވެ.
އޭގެ ތެރޭގައި އެމަނިކުފާނަށް ޑޮކްޓަރުން ދެއްވާފައިވާ ސިއްހީ ލަފަޔާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޑޮކްޓަރުން ދެއްވާފައިވާ ލަފާ މިހާރު އާއިލާއާ ހިއްސާކުރެވިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ޔާމީންއާ ބައްދަލުކުރެއްވިއިރު، ދާދިފަހުން ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ޔާމީން ވަނީ އެޑްމިޓްކޮށްފައެވެ. ތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނެވުމަށްފަހު ޔާމީން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މީގެކުރިން ބޭއްވި ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއްގައި އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދެއްވާފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.
ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.