ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ރާއްޖެއިން ތެދުވާނެ: ޝާހިދު
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންގާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރައްވައިފިއެވެ.
އިސްލާމީ ޤައުމުތަކުގެ ފަރާތުން ދަ ގެމްބިއާއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އދގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މިމައްސަލަގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން މިނިސްޓަރ ޝާހިދު އިއުލާންކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ބައިނަލްއަޤްވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށެވެ. އަދި ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ނިކުންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ކެބިނެޓަށް ފެނިވަޑައިގަންނަވާކަމަށާއި، އަވަސް މުސްތަޤްބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި އެކޯޓަށް ލިޔުން ހުށަހަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެއާއެކު، މިމައްސަލަ ކޯޓަށް ގެންދިޔަ ކަމަށްޓަކައި، ދަ ގެމްބިއާއަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.
ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު"ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޤައުމަށް އަމުރުކޮށްފައެވެ. 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލުން ވަނީ ނިންމާފައެވެ. މި އެންގުމަކީ މިމައްސަލައިގެ ފުރަތަމަ ފިޔަވަޅެވެ.
ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް 4 މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ 6 މަހަކުން 6 މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.
މި މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވާނީ އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ވަކީލެއްކަމަށްވާ އާމާލް ކްލޫނީއެވެ.