ޚަބަރު

ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލަން ހުށައެޅި ހުށައެޅުމަށް ޔާމީން ދެކޮޅު ހައްދަވައިފި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުވާލަން ހުށަހެޅި ހުށަހެޅުމަށް އެމަނިކުފާނު ދެކޮޅު ހައްދަވައިފިއެވެ.

ރައީސް ޔާމީންގެ އަރިސް އަދި އެ މަނިކުފާނުގެ ޕާޓީގެ ތެރޭގައި ވެސް އިސްކޮށް އުޅުއްވާ އިތުބާރު ހިފޭ ބައެއް ބޭފުޅުން "އަވަސް" ނޫހަށް ކަަށަވަރު ކޮށްދެެއްވި ގޮތުގައި ރައީސް ޔާމީނަށް އެ ދެ ހުށައެޅުން ހުށައެޅުއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، އިއްޔެ ރައީސް ޔާމީނާ ބައްދަލު ކުރައްވައިގެނެވެ.

އެ ބައްދަލްވުމުގައި ސަރުކާރުގެ ފަރާތުން ރައީސް ޔާމީނަށް ދެ ކަމެއް ހުށައަޅުއްވެވި އެވެ. އެއީ މިހާރު ކޮށްފައިވާ ހުކުމާއި ގުޅިގެން ދައްކަވަންޖި ވަޑައިގަންނަވާ ފައިސާ ދައުލަތަށް ދެއްކެވުމަށާއި ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށެވެ.

ނަމަވެސް ރައީސް ޔާމީން ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލު ކަމަށް އަލުން ގެންނަވާފަ އެވެ. އަދި ސަރުކާރުން ހުށައަޅުއްވާ ގޮތަށް ލުއި ހޯއްދެވުމަށް ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް ޝަރުތުތަކެއް ހުށައަޅުއްވާ، ގޭ ބަންދަށް ބަދަލު ކުރެއްވުމަށް ވެސް ސަރުކާރުން ހުށަހެޅުއްވެވި ކަމަށް ވެއެވެ. އެފަހަރު ވެސް މިނިވަންވަނެއްގެ ގޮތުގައި ނޫނީ ގެއަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވި ކަމަށް ވެއެވެ.

މީގެކުރިން ބޭއްވި ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއްގައި އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދެއްވާފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!