ރޮހިންޔާ މައްސަލާގައި ރާއްޖެ ތަމްސީލުކުރާނީ އާމާލް ކްލޫނީ
ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނިންމާފައިވާއިރު އެ މައްސަލާގައި ރާއްޖެ ތަމްސީލުކުރާނީ އިންސާނީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ވަކީލެއްކަމަށްވާ އާމާލް ކްލޫނީ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޖެނީވާގައި މިހާރު ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި މިއަދު ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ނިކުންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފެނިވަޑައިގަންނަވާކަމަށާއި، އަވަސް މުސްތަގްބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އެކޯޓަށް ލިޔުން ހުށަހަޅާނެކަމަށެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރާނީ އާމާލް ކަމަށްވާއިރު، އޭނާ އަކީ ކުރީގެ ސަރުކާރުގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން އެމަނިކުފާނު އެކުލަވާލެއްވި ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ފަރާތެވެ.
ރޮހިންޔާ މުސްލިމުންގެ ހިމާޔަތުގައި ހުށަހެޅި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު"ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޤައުމަށް އަމުރުކޮށްފައެވެ.