ޝައިޚް ފަޟްލޫން ބަންދުކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ޙުކުމްކޮށްފި

ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އައްޝައިޚް ފަޟްލޫން މުޙައްމަދު ބަންދުކުރީ ރަނގަޅަށްކަމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ޝައިޚް ފަޟްލޫން ހައްޔަރުކުރުމަށްފަހު ބަންދަށް ކޯޓުން ފުރަތަމަ ހަތް ދުވަސް ދިނުމަށްފަހު, އޭގެ ފަހުން އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރިއެވެ. ޝަރުތުތަކަކާއެކު ޝައިޚް ދޫކޮށްލީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.
ޝައިޚް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން ޢަމުރެއް އޭނާގެ ފަރާތުން އިސްތިއުނާފުކުރިއެވެ. އެ ގޮތުން ހައިކޯޓުން އިއްޔެ ކުރި ޙުކުމުގައި ބުނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޝައިޚް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓަކުން އަދި ނުނިންމައެވެ.