އޭ ރަށުގެ ލޮނާއެވެ.
އަޢްރާބީންގެ ޒުވާން ދެމަފިރިން ސަހަރާގެ ޤަބީލާއެއްގައި އުޅުނެވެ. އޭގެ ތެރެއިން އަންހެންމީހާއަކީ ރީތި ކަމާއި އަޅުވެރިކަމާއި ޢިލްމުވެރިކަމުގައި އަރާހުރި އަންހެނެކެވެ. ފިރިހެންމީހާގެ ޢާއިލާއާއި ޖެހުނު މައްސަލައެއްގައި ރަށްދޫކޮށް ދާން ދެމަފިރިންނަށް މަޖުބޫރުވިއެވެ. އެ ދެމީހުން އެތަނާއި ޖެހިގެން އޮތް ވާދީގެ ޤަބީލައަކާއި ގުޅިގެން ދިރިއުޅެން ފަށައިފިއެވެ. މި ޤަބީލާގައި ވަރަށް ޢިލްމުވެރި ޝައިޚަކު އުޅެއެވެ. އެ ޝައިޚް ކޮންމެ ރެއަކުވެސް ވަރަށް ދަންވަންދެން ބައްދަލުވުމެއް ބާއްވައެވެ. އެބައްދަލުވުމުގައި ޢިލްމީ ތަފާތު މަވްޟޫޢުތަކަށް ވާހަކަ ދެއްކުމާއި ޅެންބައިތުތައް ކިޔުންފަދަ ކަންކަން އޮވެއެވެ. މި ބައްދަލުވުންތަކުގައި އެއްކަލަ އަޢްރާބީ ޒުވާނާވެސް ބައިވެރިވާން ފަށައިފިއެވެ.
ބައްދަލުވުން އޮންނަތަނާ އެ ދެމަފިރިންގެ ފޭލިގެއާއި މާކަ ދުރެއްނޫނެވެ. އެއްދުވަހަކު ޝައިޚް އަޢްރާބީ ޒުވާނާގެ ގޭ ކައިރިން ލާފައި ދަނިކޮށް ޝައިޚްގެ ނަޒަރު އެއްކަލަ އަންހެނާގެ މައްޗަށް ހުއްޓިއްޖެއެވެ. އެހިނދު، އޭނާގެ ބުއްދިވެރިކަމާއި ހިކުމަތްތެރިކަމުގެ މައްޗަށް ޢިޝްޤީ ޖަޒުބާތުތައް ވެރިވާންފަށިއެވެ. އެސާހިތު، އިޝްޤީ ޖަޒުބާތުތަކުގެ އޮއިވަރުގައި، ބުއްދީގެ ލަގަން، އޭގެ މިސްރާބުން އެހެން މިސްރާބަކަށް ދީލައިލައިފިއެވެ. ޢިޝްޤޭ މިބުނެވޭ ޢާޠިފު ހިތުގެ އެންމެ ހިމަނާރުތަކާ ކުޅެލަންފަށައިފިއެވެ. ސަލާމާތް ބުއްްދީގެ ނިޢުމަތުން މަސަލަސް ވެފައިވާ ނިކަމެތި ހިތް، މަސަލަސްކަމުން ދުރުވެއްޖެއެވެ. ވިސްނުމާއި ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. ހޮޔޮވިސްނުމުން އެއްކިބާވެ، ވަސްލީ ފޮނި ޝަރާބުގެ މީރުކަން ލިބިގަތުމުގެ އެދުން ހިތުގައި ހިނގަންފަށައިފިއެވެ. ހިތަށް އިބިލީސް ސަވާރުވެ، އެ އަންހެންމީހާއާ ގާތްވެލުމުގެ ޝަޢުޤުވެރިކަން އެ ހިތުގައި އުފެދިއްޖެއެވެ. އޭނާގެ ހިތުގައި އެކަމަށް މަގުފަހިކުރެވޭނޭ މޮޅު ހިކުމަތެއް ރާވާލައިފިއެވެ. އެރޭ ބައްދަލުވުމުގައި އޭނާ ބުންޏެވެ. "އޭ ޒުވާނުންނެވެ. އަހަރެންނަށް ކައިރި ރަށެއްގައި ވަރަށް އާދަޔާ ޚިލާފް މަލެއް ވާކަމުގެ ޚަބަރުލިބިއްޖެއެވެ. އެ މަލުގެ ވަސްލިބިގަތުމުގެ ނަސީބު ނުހޯދާނީ މޮޔައިންގެ ތެރެއިންވެސް ބޮޑު ބޮޑު މޮޔައެކެވެ." މި ބަހުން އޭނާ ގާތުގައިވާ ޒުވާނުން އޭނާގެ މަޅީގައި ރަނގަޅަށް ޖައްސައިފިއެވެ. އޭނާ އެ ނަންކުރި ސަހަރަކީ އަހެއްގައި އުޅޭ މީހަކަށް 3 ދުވަހުގެ ދަތުރެއް ކޮށްފައި ދެވޭހާ ދުރުގައިވާ ޝަހަރެކެވެ. ދަތުރުދިޔުމަށް ނިންމި މީހުންގެ ތެރޭގައި އަޢްރާބީ ޒުވާނާވެސް ހިމެނުނެވެ. ހަމައެރޭ އޭނާވެސް ދެންތިބި މީހުންނާއެކު ފުރައިފިއެވެ. އެރޭ ދަންވަރު އެއްކަލަ ޝައިޚް މޫނުމަތީގައި ފަގުޑީގެ ބައެއް އޮޅާލައިގެން ރޭގަނޑުގެ ކަޅު ސާލުގެ ނިވަލުގައި ފޮރުވިގެންހުރެ އަޢްރާބީންގެ ފޭލިގެއާއި ދިމާއަށް ހިނގައެްޖެއެވެ. ފޭލިގެއާއި ހަމަވުމުން ފޭލިގޭގެ ތަނބުގައި ނިކަން މަޑުމަޑުން އެބަ ޖަހާލައެވެ. ހަމަ ޖަހާލުމާއެކު
އަންހެން މީހާ: ދޮރު ކުރިމަތީ ކާކު؟
ޝައިޚް: މިއީ މި ޤަބީލާގެ ޝައިޚް
އަންހެންމީހާ: މި އޮތް ދަންވެފައިވަނިކޮށް، ކޮން ބޭނުމަކު ތޯ؟؟
ޝައިޚް: ޢިޝްޤީ އިހްސާސްތަކެއް ހިތުގައި ހިނގަން ފެށީމަ، އިރާކޮޅެއް، މެންދަމެއް، ފަތިހެެއް އޮންނާނެތޯ?
ކަނބުލޮގެ ރީތި ކަމުގައި އަހަރެން މިހުރީ ހަމަ ރަނގަޅަށްވެސް ދީވާނާވެފަ
އަހަންނަށް ކަނބުލޭގެ ރީތިކަން ފެނިގެން މުޅިން އާވާރާ ވެވިއްޖެ. ކަނބުލޭގެއާއި އެއްމެ ކައިރިވެވިގެން ނޫނީ ހިތުގައި މި އަނދާ އެދުންވެރިކަމުގެ އަލިފާންގަނޑު ނިއްވައެއް ނުލެވޭނެ.
އަންހެންމީހާ: ތިބާ ތި އެދޭ އެދުން ފުރިހަމަކޮށް ދިނުމަށް އަހަރެންގެ ވެސް ޝަރުޠެއް އެބައޮތް. އެ ޝަރުތަކީ އަހަރެން މި ކިޔައިދޭ އަރަތުގެ ޖަވާބު އަހަންނަށް ދިނުން.... އޭރުން ތިބާ އެދޭ ކޮންމެ ގޮތެއްގައި އަހަރެން ވާނަން
ޝައިޙް: (ކެތްމަދުވެފައި) އަހަރެންނަށް ތިބާގެ ކޮންމެ ޝަރުޠެއް ވެސް ޤަބޫލުކުރެވިދާނެ.. އަވަހަށް ތިޔަ އަރަތް އިއްވަވާ
އަންހެންމީހާ: އެންމެ ރަނގަޅު... އެއްގަމު މަސް ކުނިވެ ފާސިދުނުވެ ހުރުމަށް ލޮނު އެހީވެދޭ.. ސުވާލަކީ އެ ލޮނު ފާސިދުވެއްޖެނަމަ އެ ލޮނު ޞުލްޙަ ކުރާނީ ކޮންއެއްޗެއްހޭ..
ޝައިޚް: (ވަރަށް ވިސްނާފައި) ތިޔަ އަރަތުގެ ޖަވާބު ދިނުމަށް އަހަންނަށް 1 ރެއާއި 1 ދުވާލުގެ މުހުލަތު ދީ. އަހަރެން ތި އަރަތުގެ ޖަވާބާއެކު އަތުވެދާނަން
އެ ދުވަހު ޝައިޚް އެނބުރިގޮސް އެ އަރަތާއި މެދު ވަރަށް ވިސްނައިފިއެވެ. ނަމަވެސް ރޭގަނޑަށް އިރު އޮއްސުނުއިރުވެސް އެއްވެސް ޙައްލެއް ބޮލަކަށް ނައެވެ. އެރޭ ދަތުރުގައި ބައިވެރި ނުވާ މީހުންނާއެކު، އެހެންރޭރެއެކޭ އެއްފަދައިން ރޭގަނޑުގެ ބައްދަލުވުން ބޭއްވިއެވެ. އެ ބައްދަލުވުގައި ޝައިޚް އަންހެން މީހާގެ އަރަތް ހުށަހަޅައިފިއެވެ. އެތަނުގައި ތިބި އެއްމެން އެކެއް އެނެކެއްގެ ރައުޔު ބަޔާން ކުރަން ފަށައިފިއެވެ. އެކަމަކު މިއިން އެއްވެސް ރައުޔަކާއި ޝައިޚް ހިތްހަމައެއް ނުޖެހުނެވެ. އަދި އަރަތުގެ ޖަވާބު ނޭންގުމުން އެކަމުގެ މޮޅިވެރިކަމުގައި އިންދާ އެ ތަނުގައި އިން ވަރަށް ވިސްނުން ތޫނު، ތަޤްވާވެރި، ޢިލްމުވެރި، ދުލުގައި ފަޞާޙަތާއި ބަލާޣަތުގެ ނިޢްމަތް ލައްވާފައިވާ ޒުވާނަކު ހަމަހިނޭނުން އިންދާ ފެނިއްޖެއެވެ. ބައްދަލުވުން ނިމިގެން އެއްމެން ގެއަށް ދާން ހެލިގަތް އިރުވެސް މީނަ ހަމަ އިނީއެވެ. ޝައިޚް މީނާ ގާތަށް ދިޔައެވެ. އަދި ބުންޏެވެ. އަހަރެންގެ ސުވާލަށް ދޭނެ ޖަވާބެއް ހަމަ ތިބާ އަތުގައި ނެތީހެއްޔެވެ. އެ ޒުވާނާ ބުންޏެވެ. އަހަރެން އެއްމެން ގޮސް އަވަދިވުމުން ތިބާއާއި ވަކިން ވާހަކައެއްް ދައްކާލާށެވެ. ތިޔަ އަރަތަކީ ސުފިޔާނުއް ޘައުރީގެ ޅެމެއްގެ ބައެކެވެ. އެ ޅެމުގައި ވަނީ
އޭ ޢިލްމުވެރިންނޭ އޭ މި ރަށުގެ ލޮނެވެ. ފަހެ ތި ލޮނު ފާސިދު ވެއްޖެނަމަ އެ ޞުލްޙަ ކުރާނީ ކާކު ހެއްޔެވެ؟
ބައިތުގެ މާނައަކީ އެ ތަނެއްގައި އުޅޭ ޖާހިލުން ގޯސް ހެދީމަ އެމީހުންނަށް ރަނގަޅުގޮތް ކިޔާ ދޭނީ ޢާލިމުންނެވެ. އެ ޢާލިމުން ގޯސްމަގަކުން ދާނަމަ އެމީހުން ސަލާމަތްކުރާނީ ފަހެ ކޮން ބައެއް ހެއްޔެވެ. އަހަރެންގެ ހީ އަކީ ކުށްހީ އަކަށް ނުވާނަމަ ތިބާ އަންހެނަކު ގާތުގައި ނަހަމަ ގުޅުމަކަށް އެދުނީއެވެ. އަދި އެ އަންހެންމީހާ ތިބާ ފަޟީހަތްކޮށް ނުލާ ތިބާއާއި ދެކޮޅު ހެދީއެވެ.
އެއީ އޭނާ ދެކެނީ ތިބާއީ އޭނާގެ އަޚެއްކަމަށެވެ. ވިސްނުންތޫނު ޒުވާނާގެ މި އަސަރުގަދަ ޚިޠާބު ނިންމާލިއިރު ޝައިޚްގެ ޟަމީރު ހަމަ ރަނގަޅަށްވެސް ހޭލައިފިއެވެ. އަދި ބުންޏެވެ. އަހަރެން ހެޔޮމަގުން ކައްސާލިއެވެ. ތިބާ އަހަރެންނަށް މިކަން ސިއްރުކޮށްދޭށެވެ. އޭރުން ޤިޔާމަތްދުވަހު ތިބާގެ އައިބުތައް މާތް ﷲ ފޮރުއްވާނެތެވެ
ނޯޓު: މިއީ ޢަރަބި ވާހަކައެއް އަސްލެއްކަމަށް ބަލައިގެން، ލިޔެފައިވާ ވާހަކައެވެ. ކޮންމެވެސް ވަރަކަށް އުނިއިތުރު ގެނެސްފައިވާނެއެވެ.
ލިޔުނީ: ރާއިފު ރުޝްދީ / މުބީން ޢަލީ