ދީން

ޒަމްޒަމް ފެން: އާދަޔާ ޚިލާފު ވާހަކަތަކެއް

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

ޒަމްޒަމްފެނަކީ ބިންމަތީގައިވާ އެންމެ ރަނގަޅު އަދި އެންމެ ބަރަކާތްތެރި ފެނެވެ. އަދި އެއީ އިންސާނާގެ ހައްޓަށާއި މަޢްނަވިއްޔަތަށް އެންމެ މަންފާކުރަނިވި ފެނެވެ. މި މާތް ފެނަކީ އިސްމާޢީލް عليه السلام ގެ ކަރު ހިއްކުން ފިލުވައިދިނުމަށްޓަކައި މި ބިންމަތީގައިވާ އެންމެ މާތް ބިމުން ﷲ ސުބްޙާނަހޫ ވަތަޢާލާ ނެރެދެއްވި ބަރަކާތްތެރި ފެނެވެ.

Ads by STELCO

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَاءُ زَمْزَمَ لِمَا شُرِبَ لَهُ)) [رواه أحمد وابن ماجه، وصححه الألباني في الإرواء رقم:١١٢٣]

މާނައީ: “ޒަމްޒަމްފެންވަނީ އެބުއިކަމަކަށެވެ.”

އެހެންކަމުން ތިބާގެ ޙާޖަތްތައް ފަހިވުން އަދައިގެން ގިނަގިނައިން ޒަމްޒަމްފެން ބޯށެވެ. ޒަމްޒަމްފެނަކީ ކަރު ހިއްކުން ފިލުވައިދޭ މީރު ބުއިމުކެވެ. އަދި އެއީ ހައިކަން ފިލުވައިދޭ ރަނގަޅު ކާނާއެކެވެ. ޒަމްޒަމްފެނުގެ މާތްކަމާއި ފައިދާތައް ބަޔާންކޮށްދެއްވަމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "إنها  مباركةٌ، إنها طعامُ طُعمٍ  وشفاءُ سُقمٍ" މާނައީ: “އެ ޒަމްޒަމްފެނަކީ ބަރަކާތްތެރި ފެނެކެވެ. އަދި އެއީ (ގައިގެ ވަރުޖެއްސުމަށް) ކެއުމެއްގެ ގޮތުގައި ބޭނުންކުރާ މީހަކަށް ކެއުމެކެވެ. އަދި އެއީ ބަލިތަކަށްވާ ޝިފާއެކެވެ." މި ހަދީސްގެ إنها  مباركةٌ، إنها طعامُ طُعمٍ  މި ޢިބާރާތް ޞަޙީޙް މުސްލިމްގައި އައިސްފައިވެއެވެ. وشفاءُ سُقمٍ މި ޢިބާރާތް އިތުރުކުރައްވާފައިވަނީ الطيالسي އެވެ. وشفاءُ سُقمٍ މި ޢިބާރާތުގެ ސަނަދު ރަނގަޅުކަމުގައި ޝެއިޚް އިބުނު ބާޒާއި ޝެއިޚް އަލްބާނީ ވިދާޅުވެފައިވެއެވެ. (رحمهم الله)

ކިތަންމެ ގިނައިން ފެން ނެގި ކަމުގައިވިޔަސް އެ ވަޅުން ފެން ހުހެއް ނުވެއެވެ.

ޒަމްޒަމްފެންވަޅުގެ ތާރީޚް

ޒަމްޒަމްފެންއާރު ނެރުއްވުމާއި ހަނަފަސް މައްކާ ވާދީގައި ދިރުން ލެއްވުން ވަނީ ގުޅި ލާމެހިފައެވެ.

ޒަމްޒަމްފެންވަޅުގެ ތާރީޚު ފެށެނީ އިސްމާޢީލް عليه السلام އާއި ހަމައިންނެވެ. އީސާ عليه السلامގެ މީލާދުގެ 2000 ވަރަކަށް އަހަރުކުރިއެވެ.  ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ޙާޖަރުގެފާނު ގޮވައިގެން މައްކާގެ ބިމަށް ވަޑައިގެން އެއްވެސް ގަހެއް، ފެނެއް، ގެއެއްނެތް ހަނަފަސް ސަހަރާ ތެރެއަށް ދޫކޮށްލައްވަމުން ކަދުރުކޮޅަކާއި ފެންކަންވާރެއް އެ ދެމައިންގެ ކައިރީގައި ބެހެއްޓެވިއެވެ. އެހިނދު އިބްރާހިމްގެފާނު ފަހަތްޕުޅުން ހާޖަރު ދުވެވަޑައިގެން ވިދާޅުވިއެވެ. "އޭ އިބްރާހީމެވެ. އެއްވެސް އިންސިއެއް އަދި އެއްވެސް ދިރުމެއް ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑުމެން ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީތޯއެވެ؟" ތަކުރާރުކޮށް އެ ސުވާލުކުރުމުންވެސް އިބްރާހިމްގެފާނު ބަސްފުޅެއް ވިދާޅުނުވެ ވަޑައިގަންނަވާތީ އެންމެ ފަހުން ޙާޖަރު ވިދާޅުވިއެވެ."ތިޔައީ މާތްﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތްތޯއެވެ؟" ޖަވާބުގައި އިބްރާހިމްގެފާނު އާއެކޭ ވިދާޅުވުމުން ހާޖަރު ވިދާޅުވިއެވެ. "އެހެންވީއިރު އެކަލާނގެ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ."

ދެން އިބްރާހިމްގެފާނު އެ ދެމައިންނާއި ދުރަށް ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ.

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ‎﴿٣٧﴾

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ.

ހާޖަރުގެފާނު ތުއްޕުޅު އިސްމާޢީލް ގެފާނާއެކު އިންނަވަނިކޮށް ބޯން ގެންދިޔަ ފެންފޮދު ހުސްވެ ފެނަށްޖެހުނެވެ. އަދި އިސްމާޢީލް ގެފާނު ފެންފޮދެއް ބޭނުންފުޅުވެގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ހާޖަރުގެފާނު ފެންފޮދެއް ހޯއްދެއްވުމަށް ޞަފާއާއި މަރުވާ ފަރުބަދަ ދެމެދު ދުވެވަޑައިގެންނެވިއެވެ. އެކަމަނާގެ ދަރިކަލުން ބަނޑުހައިކަމާއި ކަރުފުޅުހިއްކުމުގެ ވޭނުގައި ކީރިތިކުރައްވަމުން ގެންދެވިއިރު ހުދު އެކަމަނާވެސް ހުންނެވީ ގަދަ ހޫނުގެ ސަބަބުން މީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭ ފަދަ ޙާލު ކޮޅެއް ޖެހިވަޑައިގެންފައެވެ.

ތުއްޕުޅު އިސްމާޢީލުގެފާނު އޮންނެވި ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގަތީ 7 ވަނަ ފަހަރަށް މަރުވާ ފަރުބަދައަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ދިމާއަށް ބެލުމުން އެކަމަނާއަށް ފެނިވަޑައިގަތީ ޖިބްރީލްގެފާނު އިސްމާޢީލުގެފާނު އޮންނެވި ދިމާއަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. ޖިބްރީލްގެފާނު އެކަލޭގެފާނު ގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިއެވެ. އެ ޖެއްސެވިތަނުން ފައިދާވެ ކޯދުލާފައި އަރަންފެށީ ބަރަކާތްތެރި ފެނެވެ. ޙާޖަރު އަވަހަށް ކައިރިއަށް ވަޑައިގެން ކައިރިކައިރީ ހިލަޖައްސަވާ ފެންގަނޑު ފެތުރިގެންނުދާގޮތަށް ހެއްދެވި އެވެ. އަދި ” ޒަމްޒަމް” ނަމުން އެފެންގަނޑަށް ނަންދެއްވިއެވެ. އަދި ދުރުހިސާބުން ދަތުރުކޮށްފައި ދިޔަބަޔަކަށް އެހިސާބުގަނޑުގައި ދޫނި އުޅޭތީފެނިގެން އެތަނަށް ދިޔައިރު ފެން ހުއްޓާ ފެނުނެވެ. އަދި ޙާޖަރުގެ ދެމައިންވެސް ފެނުނެވެ. އަދި އޭގެފަހުންއެތާނގައި މީހުން ވަޒަންވެރިވާންފެށިއެވެ.

ޒަމްޒަމްފެން ބޯއިރު ޚާއްޞަ ދުޢާއެއްކުރަން އޮތްކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާކަން އެނގޭކަށް ނެތެވެ.

ނަމަވެސް ޒަމްޒަމް ފެން ބޯއިރު ކުރުމަށް އިބްނު ޢައްބާސް رضي الله عنهما، އިރުޝާދުދެއްވާފައިވާ ދުޢާއަކީ:

((…اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا وَاسِعًا ، وشفاءً مِنْ كُلِّ دَاءٍ…)) [رواه الفاكهي في أخبار مكة رقم: ١١۰٧، وحسنه د.عبدالملك دهيش في تحقيقه للكتاب / طبعة: دار خضر]

މާނައީ: “އޭﷲ! ހަމަކަށަވަރުން ފައިދާކުރަނިވި ޢިލްމަށް މިއަޅާ އެދެމެވެ. އަދި ތަނަވަސް ރިޒްޤަށެވެ. އަދި ކޮންމެ ބައްޔަކުން ޝިފާދެއްވުމަށެވެ…”

އެމީހަކު ދެދުނިޔޭގެ ބާއްޖަވެރިކަމުގައި ވާ ކޮންމެ ދުޢާއެއް ކިޔުމުގެ ދޮރު ހުޅުވިގެންވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!