ޚަބަރު އިޖުތިމާޢީ ދީން

ޖުވާގެ ފައިސާއިން އަނބިދަރިންނަށް ހޭދަކުރުމުން އެއްކިބާވުމަށް ހުތުބާގައި ގޮވާލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މިސްކިތެއްގައި ހުކުރު ހުތުބާ ކިޔާއިރު ބަޔަކު ހުތުބާ އަޑުއަހަން އިށީދެލައިގެން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ޖުވާ ކުޅެގެންނާއި، ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފްސަށާއި އަނބިދަރިންނަށް ހޭދަ ކުރުމުން އެއްކިބާވުމަށް ހުކުރު ހުތުބާފައި ގޮވާލައިފި އެވެ.

Ads by STELCO

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ޖުވާއާއި އޭގެ އާމްދަނީ ހަރާމް ކަމުގެ މައްޗަށެވެ. ހުތުބާގައި ވަނީ ޖުވާގެ ނުރައްކާތެރިކަމާއި އިސްލާމް ދީނުގައި މިކަމުގެ ހުކުމުގެ ވާހަކަ ބަޔާންކޮށްފަ އެވެ.

ޖުވާއަކީ ފައިސާ ބަހައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއްކަމަށް ހުތުބާގައި ބުންޏެވެ. އާމްދަނީ ހޯދުމުގައި އިސްލާމް ދީން ހުއްދަ ކުރަނީ ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް ވަކި ފަރާތަކަށް ގެއްލުމެއް ނުލިބޭ ހާމަކަން ބޮޑު ސާފު މުއާމަލާތުތައް ކަމަށާއި ނުބައި އެއްވެސް އެއްޗެއް އަދި އަމަލެއްވެސް ﷲ ސުބުހާނަހޫ ވަތައާލާ ހުއްދަ ކުރައްވާފައި ނުވާކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމް ދީނުގައި ޖުވާ ހަރާމް ކުރެއްވީ އެކަމަކީ ފާފަވެރިވާ، ގެއްލުން ހުރި މުޑުދާރު އަމަލަކަށް ވާތީކަމަށްވެސް ބުންޏެވެ.

"މުސްލިމް އަހުންނޭވެ! ޖުވާ ކުޅެގެންނާއި، ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފްސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާ ވާށެވެ! އެހެނީ އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެފަދަ ފައިސާއިން ހޯދާ ފޭރާން ލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތައުލީމާއި ސިއްހަތަށް ހަރަދު ކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަހުރޫމުގެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން އިސްވެދިޔަ ހަދީސުން ސަރީހަކޮށް އެނގެ އެވެ" ކީރިތި ރަސޫލާގެ ހަދީސަކާއި އޭގެ މާނަ ވިދާޅުވުމަށްފަހު ހުތުބާގައި ބަޔާންކުރި އެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ޖުވާ ކުޅުމަކީ ދުނިޔަވީ ގޮތުންވސް ގެއްލުންހުރި ކަމެއްކަމަށެވެ. އެގޮތުން ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭންޖެހޭ ކަމަށާއި ބައެއް ފަހަރު، މޮޅުވި މީހާ އެކަމަށް ކުރި ހުރިހާ ހަރަދެއް ދޭންޖެހޭ ކަމަށްވެސް ބުންޏެވެ. މިކަމުގެ ސަބަބުން ބަލިވި މީހާ ދަރަނިވެރިވެ ބަނގުރޫޓުވާކަން ފާހަގަކުރި އެވެ.

މި ފަހުން ރާއްޖޭގައި ވަނީ ޖުވާ ކުޅުމަށް ބައެއް މޯބައިލް އެޕްލިކޭޝަން ތަކާއި ވެބްސައިޓުތައް ވަރަށް ބޮޑަށް އާންމުވެފަ އެވެ. މީގެ އެވައިގައި ހާއްސަކޮށް ޒުވާނުން ޖެހި އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް ބައެއް މީހުން ދަރަނިވެރިވާކަމުގެ ވާހަތައްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މިކަމަށްވެސް ހުތުބާގައި އަލިއަޅުވައިލި އެވެ.

އެގޮތުން ޖުވާގެ ތެރޭގައި ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަސީބު ނަމްބަރު ނެގުމާއި، ކެސީނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުންވެސް ހިމެނޭކަމަށް ހުތުބާގައި ބުންޏެވެ. މިއިން ކޮންމެ ކުޅިވަރަކީވެސް ނަތީޖާ ނިކުންނާނެ ގޮތެއް ނޭނގޭ ކުޅިވަރުތަކެއް ކަމުން އެ ކުޅޭ މީހާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށްކަމަށް ބުންޏެވެ.

ޖުވާގެ ބާވަތްތައް ހަރާމްކުރެއްވީ ނުހައްގުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީ އެވެ. އަދި ފައިދާވާ މީހާއަށް އެ ލިބޭ މުދަލަކީ ހަރާމް އެއްޗެއްކަން ހުތުބާގައި ސާފުކޮށް ތަކުރާރު ކުރި އެވެ.

"ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށްބޮޑަށް ފެތުރިފައިވާ ވަބާއެކެވެ. މީގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލަން ޖެހިފައިވެ އެވެ. އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަ ތިއްބެވެ. މިކަން ހުއްޓުވުމަކީ މިއަދު ކޮނެމހެންވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ. މިކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމެވެ."

ހުތުބާގައި ބުނީ ޖުވާގެ ބާޒާރަށް ވަދެ، ހަރާމް ގޮތުގައި ފައިސާ ހޯދުމަށްފަހު މިކަމުން ސަލާމަތްވުމަށް އެދޭ މީހުންނަށް އޮތީ ތައުބާވުން ކަމަށެވެ. އަދި އެކަމުން ސަލާމަތްވާން އެދޭ މީހާއަދި ލިބުނު ނުހައްގު ފައިސާއަކީ ކޮން ބައެއްގެ ފައިސާކަން އެނގޭނަމަ އެ ބަޔަކަށް ފައިސާ ރައްދު ކުރުމަކީ އޮތް ގޮތްކަމަށް އަލްމައުސޫއަތުލް ފިގްހިއްޔާގައި ބުނެފައިވާކަމަށް ހުތުބާގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި އެފައިސާ ރައްދު ކުރެވޭނެ އިތުރު ގޮތެއް ނެތްނަމަ ފަގީރުންނަށް އެ ފައިސާ ދޭން ޖެހޭކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

Ads by Allied Insurance