ތިލަމާލެ ބުރިޖުގެ މަސައްކަތްތަކެއް ކުރިއަށްދާތީ މާލެއާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެއާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީ އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އެ ގޮތުން މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މިއަދުން ފެށިގެން ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް މާލެއާއި ހުޅުމާލެއާ ދެމެދު ގާއިމުކޮށްފައިވާ ބުރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.