ބޮންޑޭ ވަނީ ފްލެޓު ކޮމިޓީގެ މަސައްކަތް މަޖިލީހުގެ މެމްބަރުންނާއި ހަވާލުކުރުމަށާއި އެއް މަސްދުވަހުގެ ތެރޭގައި ޝަރުތު ހަމަވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
ހައުސިން މިނިސްޓަރު އާތިފާ މިހާރުން މިހާރަށް އިސްތިއުފާދިނުމަށް ބޮންޑޭ ގޮވާލައިފި
ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެއްމެދު އިމާރާތުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ މި ބިލުގައި ލަގްޒަރީ ފްލެޓުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އާދައިގެ ފްލެޓެއް ވެސް ރައްޔިތުންނަށް އުޅެނީ ނުލިބިގެން ކަމަށެވެ. އެގޮތުން މާލޭގެ އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމަށް ބޭނުންވެފައި އެބަތިބި ކަމަށާއި މިހާރުން މިހާރަށް ހައުސިން މިނިސްޓަރު އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.
"މިހާރުން މިހާރަށް އެބަޖެހޭ ހައުސިން މިނިސްޓްރު އިސްތިއުފާން ދޭން. ރައީސުލްޖުމްހޫރިއްޔާ އޮތީ އެ މަސްއޫލިއްޔަތު އެ ވަޒީރާއި ހަވާލުކޮށްފައި. އެކަން ކުރަން އަންގާފައި. ރައީސުލްޖުމްހޫރިއްޔާ އަމުރުކުރުމުން އެކަން ތަންފީޒު ކުރަންޖެހޭނެ" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ރާއްޖެ އަށް ދިމާވެގެން އުޅޭތާ 40 އަހަރުވެފައިވާ ކަމަށާއި މި މައްސަލައިގައި ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް އެބައޮތް ކަމަށެވެ. އަދި ރައީސް އުފައްދާފައިވާ ފްލެޓު ކޮމިޓީން ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުން ދެނެގަތުމަށްޓަކައި ދިރާސާ ކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާކަން ފާހަގަކޮށް ބޮންޑޭ ވަނީ އެކަމާ ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
"އެކަމަކު ދަރަންޏެއް އަދާކުރަންޖެހޭ މީހަކު ހުރެޖެއްޔާ އެމީހަކު ދަމާ ކޫތާފައި، ލަފުގައި ހިފައި ވެސް ގެންދާނެ. އެކަމަކު ދައުލަތުން ހައްގު ދޭންޖެހޭ މީހެއް ދައުލަތަކަށް ނޭނގޭ. ވިހާ މަރުވާ މީހުން ވެސް ނޭނގޭ. އެކަމަކު ފައިސާ ފޮއްޗެއް ދޭން އޮވެއްޖެއްޔާ ލަފުގައި ހިފައި ވެސް އެ އަތުލާނެ" ބޮންޑޭ ވިދާޅުވިއެވެ.