ނަޝީދާއި ދެކޮޅަށް ކޮންގްރެސްގައި އަޑު އުފުލައިފި
ގަވާއިދާ ހިލާފަށް ގޮފިތައް ހައްދަވައިގެން ބައެއް މެންބަރުން ކޮންގްރެސްއަށް ވަޑައިގަތް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ކޮންގްރެސް ހޫނުވެއްޖެއެވެ.
ގޮފިތަކުގެ ރައީސުން ކަނޑައަޅާފައިވާ ގޮތާ މެދު ސުވާލު އުފައްދަވާ ރައީސް ނަޝީދާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދާއި ޝިފާޒު ދެއްކެވި ވާހަކަތަކަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ރައްދު ދެއްވުމުން ޝަރީފްގެ ވާހަކަފުޅަށް ރައީސް ނަޝީދު އަނެއްކާވެސް ރައްދު ދެއްވުމުން ކޮންގްރެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ޝަރީފް ވިދާޅުވީ ކޮންގްރެސް އަކީ އެމްޑީޕީގެ އެންމެ މަތީ ގުނަން ކަމަށާއި އެ ގުނަނުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެއްދުމުގެ ހައިސިއްޔަތެއް އަދި ކޮންގްރެސްގެ ބާރު ކެނޑޭ ގޮތަށް ވާހަކަދެއްކުމުގެ އެއްވެސް ހައިސިއްޔަތެއް ރައީސް ނަޝީދާއި ޝިފާޒަށް ލިބިގެން ނުވާ ކަމަށެވެ.
"މިތަނަށް ވަޑައިގެން ތިއްބެވި ވަރަށް ގިނަ ގޮފިތައް ގަވާއިދާ ހިލާފަށް ހަދައިގެން މިތަނަށް ވަޑައިގެން ތިއްބެވިކަން ހުރިހާ ބޭފުޅުންނަށް ވެސް އެނގޭ," ޝަރީފްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ވަގު ގޮފީގެ ވާހަކައާއެކު ކޮންގްރެސް ކުޑަވަގުތުކޮޅަލަށް ހޫނުވެ ރައީސް ނަޝީދުގެ ވާހަކައާ ދެކޮޅަށް ބައެއް މީހުން އަޑުގަދަ ވަނީ ކޮށްފައެވެ.