ޚަބަރު

ސަރުކާރަށް ކުލި ކޮންޓްރޯލެއް ނުކުރެވޭނެ: އަދުން ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ދިރިއުޅުމަށް ދޫކުރާ ތަންތަނުގެ ކުލި ސަރުކާރަށް ކޮންޓްރޯލް ކުރެވިދާނެެ ކަމަށް ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އަދުން ހުސައިން ވިދާޅުވީ ކުލި ކޮންޓްރޯލްކުރާ އުސޫލެއް ހެދިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ސަބަބަކީ މާލޭ މީހުން ގެ ހަދަނީ ބޭންކުން ލޯނު ނަގައިގެން ކަމަށް ވާތީ އެވެ.

އަދުން ހުސައިން ވިދާޅުވީ އެކި މީހުން ލޯނު ނަގަކީ އެކި ވަރަށް ކަމަށާއި އެހެންކަމުން ސަރުކާރަށް ކުލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

ވަކި އަގެއްގައި މާލޭއިން ދިރިއުޅޭތަން ކުއްޔަށްދޭން އެންގޭނަމަ ރިސޯޓުތައް ވެސް އެއް އަގެއްގައި ކުއްޔަށްދޭން ސަރުކާރަށް އެންގެންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތަކުގެ ރައްޔިތުންނަށް ވުރެ މާލޭގެ ރައްޔިތުން އުޅެނީ މާ ދަތި ހާލުގައި ކަމަށާއި ގޭގެއަށް ވަނުމުން އެކަން އެނގިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދުން ހުސައިން މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ ޖަމްއިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުލި ކޮންޓްރޯލްކުރަން ޕެޓިޝަނެއްގައި ސޮއިކުރަނީ އެކަމަށް މަޖިލީހުން ހައްލެއް ހޯދައިދޭން ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ. މާލޭގެ އާބާދީގެ 63 ޕަސެންޓަކީ ކުއްޔަށް ދިރިއުޅޭ މީހުން ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!