ޚަބަރު އިޖުތިމާޢީ

''ސެކިއުލަރިސްޓުން އިސްލާމީ ޤައުމެއްގެ އިސްލާމީވަންތަކަން ނިއުޅައިލާނީ ފަހަރަކު ކަމެއް ނިއުޅަމުން ގޮސް''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް ޝަފީޢު

ސެކިއުލަރިސްޓުންނާއި, އިސްލާމްދީނުގެ ޢަދުއްވުން އިސްލާމީ ޤައުމެއްގެ އިސްލާމީވަންތަކަން ނިއުޅައި, ފޮހެލާނީ ފަހަރަކު ކަމެއް ނިއުޅަމުން ގޮސްކަމަށް އައްޝައިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝައިޚް ޝަފީޢު މިހެން ވިދާޅުވީ މީސްމީޑިއާގެ މަންސަތަކަށް ދޫކޮށްލެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ އިސްލާމީވަންތަކަމުގެ އަޑާއި, ކުލައާއި, ވަސް އެ މުޖުތަމަޢުން އެއްކޮށް ފިލައި ނުދަނީސް އެބައިމީހުން ހުއްޓައެއް ނުލާނެ ކަމަށެވެ.

މީގެ ކުރިން ޝައިޚްގެ ވެބްސައިޓުގައި ޝާއިއު ކުރައްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވަނީ, ޢަލްމާނީ ފިކުރު ނުވަތަ ސެކިއުލަރ ފިކުރަކީ އޭގެ ނުރައްކާތެރިކަން އިންތިހާއަށް އިސްލާމީ މުޖުތަމަޢުތަކަށް އޮތް ފިކުރެއް ކަމަށެވެ.

''ޢަލްމާނިއްޔަތު ނުވަތަ ސެކިއުލަރިޒަމަކީ، މުޖުތަމަޢު ބައްޓަން ކޮށް ހިންގުމުގައި، އަދި މުޖުތަމަޢު އޮންނާނޭ ގޮތް އެކަށައެޅުމުގައި، ތަޢުލީމީ ދާއިރާގެ ކަންކަމާއި، ސިޔާސީ ކަންކަމާއި އެފަދަ އެހެނިހެން ވެސް ކަންކަމުގައި، ދީނުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނޭ ކަމަށް ދެކޭ ދެކުމަށް ނުވަތަ ފިކުރަށް ކިޔާ ނަމެކެވެ.'' ސެކިއުލަރިޒަމްގެ މަފްހޫމް ބަޔާންކުރައްވައި ޝައިޚް ލިޔުއްވާފައި ވެއެވެ.

ޝައިޚް ލިޔުއްވާފައިވާ ގޮތުގައި, ޢަލްމާނީ ފިކުރުން އިސްލާމީ މުޖުތަމަޢަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ނުރައްކަލަކީ، އިސްލާމީ ޖީލުތައް ޚަބާރުކޮށް ހަލާކުކޮށްލުމެވެ. އެކަން ކުރެވިގެން އަންނާނީ ތަޢުލީމުގެ ތެރެއިންކަން ޝައިޚް ފާހަގަކުރައްވާފައި ވެއެވެ.

''ތަޢުލީމަށް ލެވޭ ކޮކަޑިއަކުން މުޅި ޖީލެއް ޚަރާބުކޮށްލުމަކީ ދާދި ފަސޭހަކަމެކެވެ. މާއްދިއްޔަތަށް ގެއްލިފައިވާ މާއްދީއްޔަތުގެ އަޅުންތަކެއް ފަދައިން އުޅޭ ޖީލަކަށް އެ ޖީލެއް ހަދައިލުމަކީ ދާދި ކައިރި ކަމެކެވެ.'' ޝައިޚް ލިޔުއްވާފައި ވެއެވެ.

ޝައިޚް ވިދާޅުވެފައިވަނީ ޢަލްމާނީން ގޮވައިލަމުން ދަނީ، ތަޢުލީމުން ދީން އެކަހެރި ކުރުމަށް ކަމަށާއި, ތަޢުލީމަކީ އެއްވެސް ކަހަލަ ދީނީ އަސާސެއްގެ މައްޗަށް ބިނާވެގެން ވާނެ އެއްޗެއް ކަމަށް އެބައިމީހުން ނުދެކޭ ކަމަށެވެ. ވަކިން ޚާއްސަކޮށް ވަކި ދީނެއް އިސްވެ އޮންނަން ޖެހޭނެ ކަމަށް ޢަލްމާނީ ފިކުރުގެ މީހުން ނުދެކޭ ކަމަށާއި, ޢަލްމާނީ ފިކުރުގެ މީހުންގެ ތެރެއިން ތިމާމެންނަކީ ވަކިކޮޅަކަށް ނުޖެހޭ މީހުންކަމަށް ދަޢުވާ ކުރާ މީހުން ދެކޭގޮތުގައި، އެ މީހަކު ބޭނުން ދީނަކަށް އުޅުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށް ކަން ވެސް ޝައިޚް ފާހަގަކުރައްވާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!