ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން އިރާނަށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފި
އީރާނުގައި ކޮރޯނާ ވައިރަސް ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން އިރާނަށް ދަތުރުނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
ކޮރޯނާ ވައިރަސް އިރާނުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު މި ބައްޔަށް މިހާތަނަށް އެގައުމުން ވަނީ 139 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި 19 މީހަކު ވަނީ މި ބަލީގައި އެގަމުން މަރުވެފައެވެ. އިރާނަކީ ޗައިނާ ފިޔަވައި ދެން އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ގައުމެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތު އިރާންގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން އިރާނުގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.
ސަރުކާރުންގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސް މިހާރު ފެތުރިފައިވާ އިރާނާއި އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދު ކަމަށްވާ ޑޭގޫ އަދި ޖެއޯންގޮކް އިން ރާއްޖެ އަށް މީހުން އައުން މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.