ސިވިލް ކޯޓުގެ ގާޒީ ޢަލީ ޢަބްދުﷲ އާމެދު ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި
ސިވިލް ކޯޓުގެ ގާޒީ ޢަލީ ޢަބްދުﷲ އާމެދު ސުލޫކީ ފިޔަވަޅު އަޅަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ, ސިވިލް ކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން އަޑުއެހުމެއް ބޭއްވެވުމަށްފަހު, ގާޒީ ޢަލީ ޢަބްދުﷲ ގޮތް ނިންމަވާފައިވަނީ, އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ ކަމަށެވެ.
އެ ގޮތުން ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި ޢަލީ ޢަބްދުﷲ ފަރުވާކުޑަ ކުރައްވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި, އެ ޢަމަލަކީ ޤާނޫނުއަސާސީއާއި, ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން ގާޒީ ޢަލީ ޢަބްދުﷲއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތަށް ނިންމީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މި އަހަރުގެ 62 ވަނަ ޖަލްސާގައިކަމަށް ޖޭއެސްސީން ބުންޏެވެ.