އަލަމްގިރިއަށް ކުރާ 40 ދަޢުވާ: ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ ޖަލު ޙުކުމެއް
ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ގުޅުން ޖިންސީ ހިންގި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް ފަހުން އުފުލި 40 ދަޢުވާގެ ތެރެއިން ކޮންމެ ދަޢުވާއަކަށް އަންނާނީ 27 ދުވަހުގެ ޖަލު ޙުކުމެއްކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.
އަލަމްގިރިގެ މައްޗަށް މީގެކުރިން އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާ އުފުލިއިރު, އެ ދަޢުވާތަކަށް އޭނާ ވަނީ އިޢުތިރާފުވެފައެވެ. އެ ގޮތުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 31 ގައި ކޯޓުން ޙުކުމް އިއްވީ ހަތް މަހާއި, ހަ ދުވަހަށް އޭނާ ޖަލަށްލުމަށެވެ. އޭގެފަހުން ދައުލަތުން ވަނީ އޭނާގެ މައްޗަށް އިތުރު 40 ދަޢުވާއެއް އުފުލައިފައެވެ.
ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން އޭނާގެ މައްޗަށް ފަހުން އުުފުލީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާއެވެ.
އެ ދަޢުވާތަކުގެ ޝަރީޢަތް ފެށީ އިއްޔެގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އިއްޔެ ބޭއްވުނު އަޑުއެހުމުގައި މި 40 ދަޢުވާއަށްވެސް އޭނާ އިޢުތިރާފުވެފައިވާތީ ދެން އޮންނާނީ އަވަސް ނިޔާއިން މައްސަލަ ނިންމުން ކަމަށާއި, އެ އަޑުއެހުން އޮންނާާނީ މި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި އަދަބަކީ ކޮންމެ ދަޢުވާއަކަށް 27 ދުވަހުގެ ޖަލު ޙުކުމެއް ކަމަށެވެ.