ދުނިޔެ

ސައުދީގައި ޔޯގާ ތަމްރީން ކުރާ ކްލާސްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޯގާ ހެދުމަކީ ހުއްދަ ކަމެއްކަމަށް ކަނޑައަޅައި ބައެއް ޔުނިވަސިޓީތަކުގައި ޔޯގާ ކިޔަވައިދޭން ފެށުމަށް ފަހު، ޔޯގާ ރެފްރީންގެ ފުރަތަމަ ބުރުގެ ރެފްރީން އިއްޔެ ދަސްވެނިވެއްޖެއެވެ.

Ads by WAMCO

ސައޫދީ އަރަބިއްޔާގެ ކުޅިވަރާ ބެހޭ ވުޒާރާ އާއި ލީޑާޒް ޑިވެލޮޕްމަންޓް އިންސްޓިޓިއުޓް ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމްގައި، ޔޯގާ ރެފްރީންގެ ގޮތުގައި ތަމްރީންވެގެން ނިމުނީ 19 އަންހެނުންނާއި ދެ ފިރިހެނުންނެވެ. މި ރެފްރީން ތަމްރީން ކުރުމުގައި ސައޫދީ އަރަބިއްޔާ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނީ އޭޝިއަން ޔޯގަސާނާ ސްޕޯޓްސް ފެޑެރޭޝަންގެ ފަރާތުންނެވެ.

ސައޫދީ ޔޯގާ ކޮމިޓީގެ ޗެއާމަން ނައުފް އަލް މަރްވާއީ ވިދާޅުވި ގޮތުގައި، ޔޯގާ ރެފްރީންގެ ގޮތުގައި ތަމްރީންކުރި 19 އަންހެނުންނަކީ އެ ގައުމުގެ އެކި ސަރަހައްދުތަކުން ހޮވަލައިގެން ނެގި ބައެކެވެ. ދަސްވެނިވި 21 ރެފްރީން ތަމްރީން ކުރީ ވެރިރަށް ރިޔާޒްގައި ހުންނަ ޔޯގާ ސެންޓަރުގައެވެ.

މި ބުރުގައި ތަމްރީން ހޯދި ރެފްރީން، ސައޫދީ ސަރުކާރުން އިއުލާން ކުރާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައިގެން ޔޮގާގެ އިތުރު ބާވަތްތަކަށް އަހުލުވެރިވުމަށް، ނައުފް އަލް މަރްވާއީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޯގާ ރެފްރީން ތަމްރީނު ކުރުމަށް ފަހު، ޔޯގާ ދަސްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވައިލާނެ އެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ބައިނަލްއަގުވާމީ ޔޯގާ މުބާރާތްތަކުގައި ސައޫދީ އަރަބިއްޔާގެ ރައްޔިތުން ބައިވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ވަރަށް ބޮޑަށް އުފެދިފައިވާ ޔޯގާގެ ހަރަކާތްތައް ސައޫދީ އަރަބިއްޔާ އަށް ތައާރަފްކޮށް، ޔޯގާގެ ފުރަތަމަ ފެސްޓިވަލް މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ ބާއްވައިފަ އެވެ. އުމުރުން 10 އަހަރާއި 60 އަހަރުގެ 1000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ބޭއްވި އެ ފެސްޓިވަލުގައި ސައޫދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވިއެވެ.

ޔޯގާ ހެދުމަށް ބާރު އެޅުމުގެ ގޮތުންނާއި ޔޯގާއާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން، އެ ގައުމުގެ ޔުނިވަސިޓިތަކުގައި ޔޯގާ ތައާރަފްކުރުމުގެ މަޝްރޫއެއް ސައޫދީ ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ފުރަތަމަ ބައިގައި އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތައް ބައިވެރިވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!