ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އިބްރާހީމް މާހިރު އައްޔަންކޮށްފި

ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އަލްއުސްތާޒު އިބްރާހީމް މާހިރު އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީއަކަށް އިބްރާހިމް މާހިރު އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމީ މި މަހުގެ 5 ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 69 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އިބްރާހީމް މާހިރު ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެވުނީ
2005 ވަނަ އަހަރުގެ ނޮވެމްބަރު 09 ވަނަ ދުވަހުއެވެ. އޭނާ އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައެވެ. ފެމިލީ ކޯޓުގެ ގާޒީކަން ކުރައްވަން ފެށްޓެވީ 2010 ވަނަ އަހަރުގެ މޭއި މަހުގެ 23 ގަ އެވެ.
އިބްރާހީމް މާހިރު ހިމެނޭހެން ފެމިލީ ކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ.