ކާނިވާ ސަރަހައްދަށް އުދަ އަރަމުންދާތީ ސިޓީ ކައުންސިލުން ހަރަކާތްތެރިވާން ފަށައިފި

ވެރިރަށް މާލޭގެ ކާނިވާ ސަރަހައްދަށް އުދަ އަރަމުންދާތީ، މާލެ ސިޓީ ކައުންސިލުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އުދަ އަރަމުން ދިޔަ ނަމަވެސް، އެ ސަަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފެށޭނީ، އުދަ އެރުން ކޮންޓްރޯލް ކުރެވުމުން ކަމަށެވެ.
"މެޓް އޮފީހުން ބުނެގައިވަނީ މިއަދު މެންދުރު ފަސްވަންދެން، އެ ސަރަހައްދަށް އުދަ އަރަމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް." ޝިއުނާ ވިދާޅުވިއެެވެ.
މާލެއަށް އުދަ އަރައިފިނަމަ، އަބަދުވެސް އޭގެ އަސަރު ކުރާ ކާނިވާ ސަރަހައްދަށް އުދަ އަރާ މަންޒަރު ފެންނަ ފޮޓޯތަކާ ވީޑިއޯތައް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ސަރަހައްދުގެ ބައެއް ރެސްޓޯރަންޓްތަކަށްވެސް އުދައިގެ އަަސަރު ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މާލެ އަތޮޅުން ފެށިގެން، އައްޑޫ ސިޓީއާ ހަމައަށް، މިއަދު 1:00އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވާއިރު، ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުން ވިދާޅުވީ މިވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ.