ޚަބަރު

ރުޅިވެރިކަމާއި ނަފްރަތު އުފައްދަނީ ކަމަށް ބުނެ އެމްޑީޕީން ލާދީނީ ވޯކްޝޮޕް ދިފާއު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދަނީ ކަމަށް ބުނެ ހދ. ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެފިއެވެ.

Ads by Sosun Fihaara

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް މިފަހަކަށްއައިސް، މުޖުތަމަޢުގެ އެއްބައެއް އަނެއްބަޔަކާމެދު ރުޅިވެރިކަމާއި ނަފްރަތު އުފައްދައި މުޖްތަމައުގައި ފިތުނަވެރިކަން އުފައްދައި ރައްޔިތުން ބައިބައި ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެކަން ޙާޞިލުކުރުމަށްޓަކައި އެފަރާތްތަކުން ދެ މައުޟޫއެއްގައި ވާހަކަ ދައްކާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

"އެއް މައުޟޫޢަކީ، ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެވެ. އަދި، އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ދިޔުމެވެ. އޭގެ އެއް މިސާލަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަރކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެވެ" އެމްޑީޕީން ބުނެއެވެ.

ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ޤަބޫލުކުރާ ގޮތް ނޫން އެހެން ރަޢުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކޮށް އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމަޢު ފިތުނަ ކުރުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އަދި އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އަދި މުޖްތަމަޢު ބައިބައިކޮށް، ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދެވަނަ މަޢުޟޫއަކީ، މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ދައްކަމުންދާ ވާހަކަތައް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"މިފަދަ ރުޅިވެރިކަން ގެނުވާ ފަދަ ނަފްރަތު އުފައްދާ ވާހަކަތައް (hate speech) އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާކަމީ މިޕާޓީ ކަންބޮޑުވާ ކަމެކެވެ. މިފަދަ ވާހަކަތަކަށް ދައުލަތުން އަޅާނުލެވިއްޖެނަމަ ޤައުމުގައި ބައިބައިވުން އިތުރުވެ، ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުޞަތު އިންތިހާއަށް ބޮޑެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމަޢުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!