ޚަބަރު

ޗައިނާ ސަފީރުގެ ނުރުހުން ނަޝީދަށް: އަޅާ ނުކިޔާވެސް ތައުރީފް ކުރެވޭނެ

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާ އާއި އިންޑިއާ އަޅާ ކިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކާ މެދު ޗައިނާ އިން ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

Ads by STELCO

އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނަޝީދު ވިދާޅުވީ އިންޑިއާގެ ސަބަބުން ރާއްޖެ އަށް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ބިރެއް ނެތް ކަމަށާއި ނަމަވެސް ޗައިނާ އިން އަމަލުކުރަމުންދަނީ ތަފާތު ގޮތަކަށް ކަމަށެވެ.

މިކަމާ ގުޅިގެން ޗައިނާގެ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާތް ރަހުމަތްތެރި ގައުމަކަށް ތައުރީފުކުރާއިރު، އެގައުމާއި ރަހުމަތްތެރި އެހެން ގައުމުތަކާ އަޅާ ނުކިޔާ ލީޑަރުންނަށް އެކަން ކުރެވެން ވާނެ ކަމަށެވެ.

އަދި އިންޑިއާގެ ކަނޑުގައި ހިމެނޭ ގައުމުތަކާ ޗައިނާ އިން ގުޅުން ބަދަހިކުރަނީ "ޕީސްފުލް ކޯއެގްސިސްޓަންސް"ގެ ފަސް އަސާސްގެ މައްޗަށް ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެގައުމުން އެގޮތަށް އަމަލުކުރަމުންގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މީގެކުރިން ވެސް ސަފީރު ވަނީ ނަޝީދު ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އިންޑިއާ އަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި ވެސް ޗައިނާ އަށް ނަޝީދު ފާޑުކިޔުއްވާކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!