ޚަބަރު

ޖޭއެސްސީން އަޅުގަނޑުގެ މައްސަލަތައް ނިންމަވާފައިވަނީ ސިޔާސީ ނުފޫޒުގެ ތެރެއިން: ލުއައްޔު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މައްސަލަތަކުގެ ތަޙްޤީޤު ކުރިއަށް ގެންދަވާފައިވާ ގޮތާއި, ނިންމުންތައް ނިންމެވުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި މައްސަލަތައް ސާބިތުވާކަމަށް ނިންމަވާފައިވަނީ ސިޔާސީ ނުފޫޒުގެ ތެރެއިން ވަކި ނަތީޖާއެއް ނެރުމުގެ މަގުސަދުގައި ކަމަށް ގއ.ދާންދޫ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މެޖިސްޓްރޭޓް ލުއައްޔުއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި 22 މައްސަލައެއްގެ ތެރެއިން ދެ މައްސަލަ ސާބިތުވާ ކަމަށް ނިންމަވައި, ފަނޑިޔާރުކަމުގެ މަޤާމުން އޭނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވައިފައެވެ.

ލުއައްޔު ނެެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކަށް ބަލާއިރު އޭނާގެ މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތައް ކޮށްފައިވަނީ, ދާންދޫ ކޯޓުގައި މީގެ ކުރިން މަސައްކަތް ކުރި މުވައްޒަފެއްކަމަށްވާ އެ ރަށު އެވަރލާސްޓް, ސުޢޫދާ ޢުމަރާއި އޭނާގެ ފިރިމީހާގެ ފަރާތުން ކަމަށެވެ. ސުޢޫދާއަކީ 2017 ވަނަ އަހަރު ދާންދޫ ކޯޓުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ސަބަބުން ކޯޓުގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމަށާއި, ޖޭއެސްސީގެ ތަޙްޤީޤު ރިޕޯޓުންނާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ރިޕޯޓުން އެކަން ސާފުކޮށް އެނގެން އެބަ އޮތް ކަމަށް ލުއައްޔު ވިދާޅުވިއެވެ.

އަޅުގަނޑުގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާތަކާއި, އެ ޝަކުވާތަކާ ގުޅިގެން ކޮމިޝަންގެ ތަޙްޤީޤުތަކަށް ދީފައިވާ ބަޔާންތަކަށް ބެލުމުން ވެސް މިއީ އަޅުގަނޑާ ޒާތީ ގޮތުން ޖައްސާލައި ފެންމަތި ކުރުވައިގެން އުޅޭ މައްސަލަތަކެއްގެ ތެރެއިން ހުށަހަޅާފައިވާ ކަންތައްތަކެއްކަން އެނގޭ.

މެޖިސްޓްރޭޓް ލުއައްޔުއާ ގުޅިގެން ޖޭއެސްސީން ތަޙްޤީޤު ކުރައްވައި ސާބިތުވާ ކަމަށް ނިންމެވި އެއް މައްސަލައަކީ ސުޢޫދާއަށް ޖިންސީ ގޯނާކުރިކަމަށް ބުނެ 2019 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު އޭނާ ހުށަހެޅި މައްސަލައެވެ.

ޖޭއެސްސީގެ ތަޙްޤީޤަށް ދިން ބަޔާނުގައި ސުޢޫދާ ބުނެފައިވަނީ 2005 ވަނަ އަހަރުގެ ދުވަހެއްގައި މެޖިސްޓްރޭޓް ލުއައްޔުއާ އެއްކޮށް އޭނާ އެއްޗެއް ނަގަން ކޯޓަށް ދިޔަ ކަމަށާއި, އެ އެއްޗެހި ހިފައިގެން ކޯޓުން ނުކުންނަން އުޅުނު ވަގުތު ލުއައްޔު އޭނާއާ ބެހެން މަަސައްކަތްކޮށް އުރަމަތީގައި ހިފާފައިވާ ކަމަށެވެ. އަދި އެ ވަގުތު ވަރަށް ބާރަށް ރުއި ކަމަށާއި, ސަލާމަތްވާން އުޅުމުގެ ތެރޭގައި ދޮރުފަތުގައި އޭނާގެ ބަނޑު ޖެހުމުން ބަނޑުގައިވާ ދެ މަހުގެ ދަރިފުޅު އޭގެ ދެ ދުވަސްފަހުން ބައިގެންދިޔަ ކަމަށް ވެސް ސުޢޫދާ ބުނެފަައިވެއެވެ.

ލުއައްޔު ވިދާޅުވީ އެ މައްސަލައަކީ އޭރުގެ ޖަސްޓިސް މިނިސްޓްރީއާއި އޭގެ ފަހުން އެކުލަވައިލި ޖޭއެސްސީން ބައްލަވައި ސާބިތުނުވާ ކަމަށް ނިންމަވާފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އިތުރު އެއްވެސް އައު ހެއްކެއްނެތި ހަމައެކަނި ސުޢޫދާ ޢުމަރާއި އޭނާގެ ފިރިމީހާ ހިމެނޭ ގޮތުން ޒާތީ ގޮތުން މަސްލަހަތު ފުށުއަރާ ބަޔަކު ބުނާ ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް މައްސަލަ ނިންމަވާފައިވާކަން އެނގޭ ކަމަށް ވެސް ލުއައްޔު ވިދާޅުވިއެވެ.

މި މައްސަލަތަކާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކަކީ މުޅިން ވެސް ސުޢޫދާ ޢުމަރާއި އޭނާގެ ފިރިމީހާއާއި ގާތްތިމާގެ ފަރާތްތައްކަމުން ހެކިންގެ ހެކިބަހުގައި ޒާތީ ތަޢައްސުބު ނެތުމަކީ ނުވާނޭ ކަމެއްކަމުގައި ފާހަގަކުރަން.
އިއްތިފާޤަކުން ނަމަވެސް ސުޢޫދާ ޢުމަރަކީ ދާންދޫ ދާއިރާގެ މި ހިނގާ ދައުރުގެ ޢިއްޒަތްތެރި މެންބަރު [ޔަޢުޤޫބް ޢަބްދުﷲ] ގެ އެއްބަނޑު އެއްބަފާ ބޭބެގެ އަންހެނުން.

ލުއައްޔުއާ ގުޅޭ ގޮތުން ޖޭއެސްސީ ތަޙްޤީޤު ކުރައްވައި ސާބިތުވާކަމަށް ނިންމެވި ދެވަނަ މައްސަލައަކީ ކޯޓުގެ ރަސްމީ ގަޑީގައާއި, އެ ނޫން ވެސް ވަގުތުތަކުގައި އޭނާ ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާ ކަމާއި, އެ މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުއްވަވަން މަސައްކަތް ކުރެއްވިކަން ސާބިތުވާ ކަމަށް ބުނާ މައްސަލައެވެ.

ލުއައްޔު ވިދާޅުވީ ޖޭއެސްސީގެ ތަޙްޤީޤު ރިޕޯޓަށާއި މި ތުހުމަތާ ގުޅިގެން އެ ކޮމިޝަނަށް ބަޔާންދީފައިވާ މީހުން ވެސް, އެފަދައިން އޭނާ އަމަލު ކުރައްވާކަމަށް ހެކިބަސް ދީފައިނުވާކަން އެނގޭ ކަމަށެވެ. އަދި މި ތުހުމަތު ވެސް ސާބިތުވާކަމަށް ނިންމަވާފައިވަނީ އޭނާއާ ޒާތީ ގޮތުން މަސްލަހަތު ފުށުއަރާ ބަޔަކު ބުނާ ބުނުމުގެ މައްޗަށް އެކަނިކަން އެނގޭކަމަށް ލުއައްޔުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ހަމައެއާއެކު ޖޭއެސްސީން އޭނާއާ ހިއްސާކުރެއްވި ތަޙްޤީޤު ރިޕޯޓާއި, އެ ކޮމިޝަނުން ޢާންމު ކުރެއްވި ނޫސް ބަޔާނުގައި ބަޔާން ކުރައްވާފައިވާ ކަންކަމުގައި ފުށުއެރުންތަކެއް ހުރިކަމަށް ވެސް ލުއައްޔު ފާހަގަކުރައްވާފައި ވެއެވެ. އެ ގޮތުން އޭނާގެ މައްޗަށް ހުށަހެޅި 22 މައްސަލައިގެ ތެރެއިން ސާބިތުވެފައިވަނީ ދެ މައްސަލައެއް ކަމަށް އެ ބަޔާނުގައި ބަޔާން ކުރައްވާފައިވާ ކަމަށާއި, ނަމަވެސް އޭނާއާ ހިއްސާކުރެއްވި ތަޙްޤީޤު ރިޕޯޓަށް ބެލުމުން 13 މައްސަލައެއް ސާބިތުވެފައިނުވާ ކަމަށް ނިންމަވާފައިވާއިރު އެހެނިހެން ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ނިންމެވި ގޮތެއް ސާފުކޮށް އެނގެން ނެތް ކަމަށް ވެސް ލުއައްޔު ވިދާޅުވިއެވެ.

މި އެންމެހައި ކަންކަން އެ ގޮތަށް ހުރުމާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު އަޅުގަނޑުގެ މައްޗަށް މި ތަޙްޤީޤު ކުރިއަށް ގެންގޮސް މައްސަލަ ނިންމާފައިވަނީ ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުގެތެރެއިން ވަކި ނަތީޖާއެއް ނެރުމުގެ މަގުސަދުގައި ކަމަށް އަޅުގަނޑު ދެކެން.

ޖޭއެސްސީން މި ދެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމާއެކު މި މަހުގެ އެއްވަނަ ދުވަހު ލުއައްޔު ވަނީ ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން މިހާރު ވެސް ގެންދަވަނީ ލުއައްޔުއާ ގުޅިގެން ހުށަހަޅާފައިވާ އިތުރު އެއް ޝަކުވާއެއް ތަޙްޤީޤު ކުރައްވަމުންނެވެ. އެއީ ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމަށް ތުހުމަތުކުރައްވައި ހުށަހަޅާފައިވާ މައްސަލައެކެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!