ޚަބަރު

ސައީދުގެ ސުވާލު ނަޝީދަށް: އެޖެންންޑާ 19 ގައި ދަރަނި ވެސް ރަނަށް ބަދަލުވެ ނިމުނީތޯ؟

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ހިންގާ އެއްވެސް މަޝްރޫއުއެއް ދަރަނީގެ ދަންތުރަކަށް ވެގެން ގޮސްފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.

އިންޑިއާގެ ގުޖުރާތުގައި އިއްޔެ ފެށި "އައިޑިއާސް ކޮންކުލޭވް" ގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންޑިއާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކަކީ ދެފުށް ފެންނަ އަދި އެ މަޝްރޫއުތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ވެސް އެނގޭނެ މަޝްރޫއުތަކެއް ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާ ސަރުކާރުން ޓެންޑާ ކުރާ މަޝްރޫއުތަކަކީވެސް ދެފުށް ފެންނަ ޕްރޮޖެކްޓުތަކެއް ކަމަށެވެ.

ނަޝީދުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ސައީދު މިއަދު ވަނީ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. މި ގޮތުން އިންޑިއާގެ ލޯނުތައް ދަރަންޏަށް ނުވަނީ އެމްޑީޕީގެ "އެޖެންޑާ 19" ގެ ސިޔާސަތުގައި ދަރަނި ވެސް ރަނަށްވާތީތޯ ސައީދު ސުވާލު ކުރައްވަ އެވެ.

މީގެ އިތުރުން އެއްލާ ގާކޮޅެއް ފޯރާހާ ދުރުނިމުގައި އޮތް ދެ ފަޅު ގުޅުވަން ނަގާ 500 މިލިއަން ޑޮލަރުގެ ލޯނަކުން އިތުރު ވާނީ ރަނާއި ރިހިތޯ ވެސް ސައީދު ސުވާލު ކުރައްވާފައިވެ އެވެ. ވިޔަފާރި ބަނދަރަށ 200 އާއި 300 މިލިއަން ޑޮލަރު ހޭދަ ކުރަނީ އަރަނި ބަޖެޓެއް އޮވެގެންތޯވެސް ސައީދު ސުވާލު ކުރެއްވި އެވެ.

ނަޝީދު ވަނީ މީގެކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޗައިނާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަަކަކީ ދަރަނި ދަންތުރައެއް ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!