ޚަބަރު

ސެކިއުލަރިޒަމްއާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ހޭޓް ސްޕީޗް ކުރުމެއް ނޫން: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

ސެކިއުލަރިޒަމް ނުވަތަ ދިނާއި ސިޔާސަތު ވަކި ކުރުމަށް ކުރާ މަސައްކަތްތަކަށް ދެކޮޅު ހެދުމަކީ ހޭޓް ސްޕީޗް (ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ) ނޫން ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

އާދަމް ޝަރީފް އެގޮތަށް ވިދާޅުވީ، ރާއްޖޭގައި ހޭޓް ސްޕީޗް ނުވަތަ ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި މެދު ސީރިއަސްކޮށް ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިއްޔެ ގޮވާލާފައި ވަނިކޮށެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި، ވިދާޅުވީ ސެކިއުލާ ވިސްނުމާއި، އިސްލާމް ދީނާއި ދެކޮޅަށް ހިންގާ ހައްދު ފަހަނައަޅާފައިވާ ކަންކަމަށް ދެކޮޅަށް ވާހަކަ ދެއްކުމަކީ ހޭޓްސްޕީޗް ކުރުމެއް ނޫން ކަމަށެވެ.

"އިސްލާމް ދީނުގައި ހޭޓް ސްޕީޗް ހުއްދަ އެއް ނޫން. އެކަން އެންމެ ގިނައިން ކުރާ ބައެއް ރައްޔިތުންނަށް އެނގޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވަނީ އެހެން ދީންތަކަށް ހިތްވަރު ދިނުމަކީ ބަލައިގަންނަނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި ހޭޓް ސްޕީޗް އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި މެދު ސީރިއަސްކޮށް ފިޔަވަޅުމަށް އެމްޑީޕީން ގޮވާލާފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމް ދީނާއި ހިލާފު ފިކުރުތަކެއް ފެތުރުމަށް މަސައްކަތްކޮށް ބަޔަކު ސެމިނާތަކެއް ކުރިއަށް ގެންދާ ކަމަށް މީޑިއާތަކުންނާއި ބައެއް ފަރާތްތަކުން ބުނަމުން ދިޔުމާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!