ޚަބަރު ޝަރުޢީ ދާއިރާ

މުޞްޢަބަށް 1.1 މިލިއަން ރުފިޔާ ދައްކަން ދަޢުލަތަށް އަންގަވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓްރީގެ ޕީއެސް މުސްޢަބު އަބްދުﷲ--

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲ މަޤާމުން ވަކިކުރި މައްސަލައިގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ބަދަލު އަންނަ އާދިއްތަ ދުވަސް ނިމުމުގެ ކުރިން ދައްކަން ސިވިލް ކޯޓުން އިއްޔެ ޢަމުރު ކުރައްވައިފިއެވެ.

Ads by MWSC

ސިވިލް ސަރވިސް ކޮމިޝަނުން ބައްލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއްގައި ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު މުޞްޢަބު މަޤާމުން ވަކިކުރެއްވީ ސެޕްޓެމްބަރު 2019 ގައެވެ.

އެ ނިންމުން ބާތިލު ކުރުމަށާއި, ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި, ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދަން މުސްޢަބު ދަޢުވާ ކުރުމުން 2020 ގައި ސިިވިލް ކޯޓުން ނިންމެވީ، އޭނާ މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުނުވާ ކަމަށެވެ.

އެ ގޮތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިދިޔަ އޮގަސްޓު 28 ގައި ކުރެއްވި ޙުކުމުގައިވަނީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުވާ ކަމަށެވެ.

ޙުކުމުގައިވަނީ މުޞްޢަބު މަޤާމުން ވަކިކުރުމަށްފަހު އެ މަޤާމަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ ހޯދައިދެވެން އޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށެވެ. އެގޮތުން ބަދަލުގެ ގޮތުގައި ކަނޑައެޅީ 1,187,666.60 ރުފިޔާއެވެ.

އެ ޙުކުމް ތަންފީޒުކުރަން މުޞްޢަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ނެރުއްވި އަމުރުގައި ވަނީ ހައިކޯޓުގެ ޙުކުމާ އެއްގޮތަށް ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިނުވާ ކަމަށެވެ.

އެހެންވެ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރަން އަންގާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!