ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާގެ މަގާމަށް ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު އައްޔަން ކުރައްވައިފި
ޕާކިސްތާނުގެ އަސްކަރިއްޔާގެ އާ ވެރިޔާގެ މަގާމަށް ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރުގެ ނަން އެގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ނިންމަވައިފިއެވެ.
އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އައުރަންގްޒޭބް މިއަދު ކުރެއްވި ޓުވީޓެއްގައި މި މަގާމަށް އައްޔަން ކުރެއްވިކަން އިއުލާނު ކުރެއްވުމާއެކު ދެކުނު އޭޝިއާގެ މި ގައުމުގެ އެންމެ ބާރުގަދަ މަގާމަކީ ކޮބައިކަމާ މެދު އެތައް ހަފުތާއެއް ވަންދެން ދެކެވެމުން ދިޔަ ވާހަކަތަކަށް ނިމުމެއް ވަނީ އަތުވެފައެވެ.
ޕާކިސްތާނުގެ 75 އަހަރުގެ ތާރީޚުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގައި ވެރިކަން ކޮށްފައި ވަނީ އެގައުމުގެ އަސްކަރިއްޔާއެވެ.
ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ލެފްޓިނެންޓް ޖެނެރަލް ސާހިރު ޝަމްޝާދު ކަމަށް އޮރަންގްޒޭބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
އާމީ ޗީފްގެ މަގާމުގައި ހުންނެވި ޖެނެރަލް ކަމަރް ޖާވިދު ބަޖްވާގެ ހަ އަހަރުގެ ދައުރު ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޮޑުވަޒީރު ޝަރީފް ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވައި އަސްކަރިއްޔާގެ އެންމެ އިސް މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ލިސްޓުން މުނީރު ހޮވައިފައެވެ.
މުނީރު މިހާރު ހުންނެވީ ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒުގައެވެ. އޭނާ ވަނީ އެގައުމުގެ އެންމެ ބޮޑު އިންޓެލިޖެންސް އެޖެންސީ، އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) ގެ ވެރިޔާގެ މަގާމު ކުރު މުއްދަތަކަށް ފުރުއްވާފައެވެ.