ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް މާލީ އެހީ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުވި ހުރިހާ އާއިލާތައް އާއްމު ހާލަތަށް ގެނައުމަށް ބޭނުންވާ މާލީ އެހީ ދީފައިވާކަމަށާއި، މިހާރު ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް ނެތްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މި ވަގުތު ކުރިއަށްދަނީ ގެއްލުންތަކުގެ އަގުމަގު ކުރުމާއި އެސެސްމެންޓް ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭގެ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގޭގައި ދިރިއުޅުނު ބިދޭސީންނާއި، އެގެއާއި އިންވެގެން ހުރި މ. ސޭންޑްރޯސްގެ 1 ގޭބިސީ އާއި މ.ވާދީގެ 4 ގޭބިސީއެއްގެ މީހުންނެވެ.

މީގެ ތެރެއިން 5 ގޭބިސީއެއްގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް، ކާރިސާތަކުގައި އިންސާނީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ޢަމަލުކުރާ އުސޫލުގެ ތެރެއިން، އެހެން ތަނެއް ކުއްޔަށް ހިފުމަށް 15 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި މި އާއިލާތައް އެހެން ތަނެއް ކުއްޔަށް ހިފުމަށް 2 މަހުގެ އެޑްވާންސް ފައިސާއާއި 1 މަހުގެ ކުލީގެ ފައިސާ އެންޑީއެމްއޭއިން ވަނީ ހަމަޖައްސާފައެވެ.

މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ސާފުކުރުމަށްފަހު އެ ސަރަހައްދާއި ބަންދުކުރި އިސްކަންދަރު މަގު މިހާރު ވަނީ ހުޅުވާފައެވެ.

އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެކެވެ. އަދި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ބަންގްލަދޭޝް ފިރިހެނެކެވެ.

މަރުވި އެންމެންގެ ހަށިތައް އެ މީހުންގެ ޤައުމަށް ފޮނުވާލައިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!