ޚަބަރު

ޔާމީންގެ އިތުރު ހަމަލާއެއް ގާސިމަށް: ކާޑެއްދޫ އެއާޕޯޓުން ގާސިމަށް އެކައްޗެއް ވެސް ލިބޭކަށް ނުޖެހޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން އިކޮނޮމިކް ކައުންސިލުން ނިންމި ނިންމުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަތުން އަތުލައި، އެ ކުންފުންޏަށް ބަދަލެއްގެ ގޮތުން 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން ނިންމައި އިކޮނޮމިކް ކައުންސިލުން ވަނީ މަޝްވަރާތައް ފަށާފަ އެވެ.

ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގައި ގާސިމްގެ އިންވެސްޓްމެންޓެއް ނޯންނާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ގާސިމްގެ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓު ނެގީ، އެތަނުގައި އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، ގާސިމްގެ އަތުގައި އެ އެއާޕޯޓު އޮންނަން ނުޖެހޭތީ ކަމަށެވެ.

"ސަރުކާރުން ހަދާފައި އޮތް އެއާޕޯޓެއް، ގާސިމްގެ އިންވެސްޓްމެންޓެއް އޮތީކީއެއް ނޫން. ދެން ކީއްވެގެންހޭ ގާސިމަށް ބަދަލުދޭން މި ޖެހެނީ؟" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހުރިހާ ސަރުކާރެއްގައި ވެސް ގާސިމަށް ބައި އަޅައިގެން ކަންކަން ކޮށްދޭންޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ މައްސަލަ ޖެހޭ ކަމަށެވެ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލާ މަތިން ވިލާއަށް ބަދަލުދޭން އުޅޭތީ އެކަމަށް އިޝާރާތް ކުރައްވަމުން ޔާމީން ވަނީ ސެޓެލްމެންޓް އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ކުރިން ކޮށްފައި ހުރި އިންވެސްޓްމެންޓްތަކާއި ލިޔެކިޔުންތައް ހިފައިގެން ދައުލަތުން ބަދަލު ގޮތުގައި ފައިސާތަކެއް ދޭންޖެހޭކަން ކޯޓެއްގައި ސާބިތުކުރަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ސެޓެލްމެންޓް އެއްބަސްވުންތަކަކީ އޭގެ ޒާތުގައި ދެ ފަރާތަށް ބައި އެޅޭ އެއްޗެއް ކަމަށާއި، ކާޑެއްދޫ އެއާޕޯޓުން ގާސިމަށް އެކައްޗެއް ވެސް ލިބެން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެކައްޗެއް ވެސް ލިބޭކަށް ނުޖެހެއޭ. އެކައްޗެއް ވެސް ލިބޭކަށް ނުޖެހެއޭ ގާސިމަކަށް ކާޑެއްދޫ އެއާޕޯޓަކުންނެއް،" ޔާމީން ވިދާޅުވި އެވެ.

ވިލާ އެއާއާ ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.

ނަމަވެސް އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ކުރި ހުކުމާއެކު، އެ އެއާޕޯޓު ވިލާ އެއާއާ މާޗު 2022 ގައި ވަނީ އަލުން ހަވާލުކޮށްފަ އެވެ.

Ads by Ooredoo