ޚަބަރު

ލަތީފު ވިދާޅުވަނީ ދެ މަޝްރޫއުއެއްގައި އެއް ފޮޓޯއެއް ޓްވީޓުކުރެވުނީ އޮޅުމަކުން ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

ހދ. ނެއްލައިދޫ އާއި ހދ. ވައިކަރަދޫގައި ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކުގައި އެއް ފޮޓޯއެއް ޓްވީޓު ކުރެވުނީ އޮޅުމަކުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ލަތީފް ވެސް ވަނީ ރޭގެ ވަގުތެއްގައި ހދ. ނެއްލައިދޫ އާއި އެއަތޮޅު ވައިކަރަދޫގައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އެ މަޝްރޫއުތަކުގެ ތަފްސީލު، ލަތީފް އާންމުކުރެއްވުމާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ދެ ޓްވީޓް ރިޓްވީޓް ކުރައްވާފަ އެވެެ.

އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ، މި ދެ ރަށުގައި ހިނގަމުން އަންނަ މަޝްރޫއުގެ ތަފްސީލު ވަކިވަކިން އާންމުކުރެއްވިއިރު ދެ ރަށުގައި ހިނގަމުންދާ މަޝްރޫއުތަކަކީ ތަފާތު މަޝްރޫއުތަކެއް ނަމަވެސް ހިއްސާކުރެއްވީ އެއް ފޮޓޯއެއްކަން ފާހަގަކުރެވުމުންނެވެ.

މިކަން ފާހަގަކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ލަތީފް ހިއްސާކުރެއްވި މަންޒަރުން ދެ ޕްރޮޖެކްޓްގެ ހަމަ އެއްވެސް ތަފާތެއް ނުފެނުނު ކަމަށެވެ.

ޝިޔާމުގެ މި ވާހަކައަށް ރައްދު ދެއްވަމުން ލަތީފު ވިދާޅުވީ އެހާ ގިނަ ރަށްރަށުގެ އެހާ ގިނަ މަޝްރޫއުތަކުގެ ފޮޓޯތައް ޓްވީޓުކުރުމުން އޮޅުމަކުން ދެ ރަށެއްގެ ޕްރޮޖެކްޓަށް އެއް ފޮޓޯއެއް ލެވުނީ ކަމަށެވެ.

"ޝިޔާމް އަށް ވެސް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ވައިކަރަދޫއާއި ނެއްލައިދޫގައި މި ސަރުކާރުން ހިންގާހާ މަޝްރޫއުތައް." ލަތީފު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޖަލްސާއަށް މީހުން ގޮސްތިބި އަދަދު ފެނި އެމްޑީޕީ ސިއްސައިގެން ގޮސް، ކުއްލި ގޮތަކަށް ސަރުކާރުން ހިންގަމުން އަންނަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތާއި ފޮޓޯ މިވަނީ ސޯޝަލް މީޑިއާގައި އާންމުކުރަން ފަށާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!