ޚަބަރު

މާލޭގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރެވޭނީ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގައި އެއްވެސް ކެމްޕެއިން ޕޯސްޓަރެއް ހަރު ކުރެވޭނީ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެއްވެސް ފީއަކާ ނުލައި މާލޭގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ ދިނުމަށް އެކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ހުއްދަ ނެތި ޕޯސްޓަރު ހަރުކޮށްފި ނަމަ ނުވަތަ ޕޯސްޓަރުތައް ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެތަކެތި ނުނަގައިފި ނަމަ އެ ތަކެތި ހަރުކުރި ފަރާތެއް ޖޫރިމަނާކުރާނެ ކަމަށެވެ. އެގޮތުން، ހުއްދަ ނުނަގާ ޕޯސްޓަރު ހަރުކުރާ ނަމަ، ކޮންމެ ދުވަހަކަށް 1،000ރ. އާއި 2،000ރ. އާ ދެމެދުގެ އަދަދަކުން އެ ކެންޑިޑޭޓަކު ޖޫރިމަނާ ކުރެވޭނެ ކަމަށާއި ޕޯސްޓަރު ނަގަންޖެހޭ މުއްދަތު ހަމަވުމަށް ފަހު އެ ތަކެތި ނުނަގާ ބަހައްޓާ ކޮންމެ ދުވަހަށް ވެސް 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ޕޯސްޓަރު ހަރުކުރުމުގެ ހުއްދައަކަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅާއިރު ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުމާއި ހަރުކުރާ ޕޯސްޓަރެއްގެ ހާޑް ކޮޕީ އާއި އަމިއްލަ އިމާރާތެއްގައި ހަރުކުރާ ނަމަ، އެތަނެއްގެ ވެރި ފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ދީނާ ގުޅުންހުރި ޕޯސްޓަރެއް ނަމަ، އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ ޕޯސްޓަރު ހަރު ކުރާއިރު ދައުލަތުގެ އިމާރާތްތަކާއި އެފަދަ ތަންތަނުގެ ފާރުތަކާއި ސަހަރާތަކާއި ޕާކްތަކުގެ އިތުރުން ކަރަންޓް ފޮށިތަކުގެ ޕޯސްޓަރު ހަރު ނުކުރެވޭނެ ކަމަށެވެ. އަދި މަގުމައްޗަށާއި ވެހިކަލްތަކުގެ ތެރެއަށް ޕޯސްޓަރު އެޅުމަކީ މަނާ ކަމެއް ކަަމށް ސިޓީ ކައުންސިލުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!