ސީއެސްސީގެ ރައީސް ހިމެނޭގޮތަށް، 4 މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން މަޤާމުން ދުރުކުރުމަށް ނިންމާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން އަލްއުސްތާޛް ޒަކަރިއްޔާ ޙުސައިނެވެ.
މި ހަތަރު މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދެވެ. މި ހުށަހެޅުއްވުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ތާއީދު ކުރެއްވި އިރު މި ހުށަހެޅުން ފާސްވެގެންދިޔައީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ތިން މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީއަށް ވަޑައިނުގެންނެވުނު މެމްބަރުން ވެސް ކޮމެޓީން ފާސްކުރިގޮތަށް ތާއީދު ކުރައްވާ ކަމަށް ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވިއެވެ.
ސީއެސްސީގެ ހަތަރު މެމްބަރުން ވަކި ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު އެ މެމްބަރުންނަށް ޖަވާބުދާރީ ވުމުގެ ފުރުސަތުދީފައިވެއެވެ. އެގޮތުން އެ މެމްބަރުންނާއި އެކު ބޭއްވުނު ބައްދަލުވުންތަކުގައި ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލައިލާއިރު ކޮމިޝަންގެ ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި ކޮމިޝަންގެ ރައީސް ގަޑިއަށް ވަޑައިނުގަތުމުގެ ސަބަބުން ޖަލްސާތައް ނުބޭއްވި އެއްގަޑިއިރު ވަންދެން ކުރިއަށް ނުގެންދެވެއެވެ. \
މީގެ އިތުރުން ކޮމިޝަންގެ ރައީސް ވިދާޅުވީ ކޮމިޝަންގެ ރައީސްގެ ނިންމުންތަކާއި ޚިލާފަށް އަމަލުކުރުމަށް ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވަމުންގެންދަވާ ކަމަށެވެ. މި މޭރުމުން ކޮމިޝަންގެ މެމްބަރުން ވާހަކަދައްކަވާފައިވާއިރު ކޮމިޓީން ފާހަގަކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންނަށް އެކުގައި މަސައްކަތްކުރުމުގެ ގާބިލުކަން ނެތް ކަމަށެވެ.