ދީނާ ހިލާފު ވޯކްޝޮޕްތަކާ ގުޅިގެން މަޖިލީހަށް ވެއްދި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ރާއްޖޭގެ ބައެއް ރަށްރަށުގައި ބޭއްވި ވޯކް ޝޮޕްތަކެއްގައި ދީނާ ހިލާފު ސެޝަންތަކެއް ނަގައިދިން މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައެއް އެޖެންޑާކޮށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ވެއްދީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެކަމަކު މޮސްޓާ އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅަން ރިޔާސަތުން ފުރުސަތު ދިނުމުގެ ކުރިން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަން ފެއްޓެވި އެވެ.
އެގޮތުން އެމްޑީޕީގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެއީ ކުއްލި މައްސަލައެއް ނޫން ކަމަށެވެ. އާޒިމްގެ ފަހުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް އެ ކަން ފާހަގަ ކުރެއްވި އެވެ.
އެމައްސަލަ ހުށައެޅުމަށް ސަރުކާރުގެ މެންބަރުން އިންކާރު ކުރެއްވުމުން މަޖިލީހުގެ ރައީސް ވަނީ އެމައްސަލަ އަކީ ކުއްލި މައްސަލައެއްތޯ ބެލުމަށް އިދާރީ މޭޒުގެ ލަފައަކަށް އެދިފައެވެ. އިދިކޮޅު މެންބަރުން ވަނީ މައްސަލަ ހުށައެޅުމުގެ ފުރުޞަތު ދެއްވުމަށް އެދިފައެވެ. އެހެން ނަމަވެސް ރިޔާސަތުން ނިންމަވާފައިވަނީ އިދާރީ މޭޒުން އެގޮތައް ލަފާދެއްވާފައި ނުވާތީ މައްސަލަ ހުށައަޅަން ފުރުޞަތު ނުދޭން ނިންމާފައެވެ.
ނިޒާމީ ނުކުތާ ނަންގަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ މަޖިލިހުން ބަލައިގަނެ މެންބަރުން ބަހުސް ކުރައްވަން ޖެހޭ ކުއްލި މައްސަލައެއް ކަމަށެވެ.
ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމެއް ކަމަށެވެ. އެއީ ކުއްލި މައްސަލައެއް ގޮތުގައި ބެލެން އޮތް މައްސަލައެއް ނޫން ކަމަށެވެ.
ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕެއްގައި ދިނާ ހިލާފު ސެޝަންތަކެއް ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައްކަން ފެށުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.